ރާއްޖޭގެ މައި ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކޮށްފައިވާ ކްރެޑިޓް ކާޑުތައް ބޭނުންކޮށްގެން އީ-ކޮމާސް ޕްލެޓްފޯމްތަކުން ކުރާ މުއާމަލާތްތަކުން 30 އިންސައްތައިގެ ފީއެއް ނަގާ ކަމަށް ބުނެ އާންމުންގެ މެދުގައި ފެތުރެމުންދާ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއްކަން އެ ބޭންކުން ހާމަކޮށްފިއެވެ.
ބީއެމްއެލްއިން ވަނީ ބޭރުގެ ބައެއް އޮންލައިން ފިހާރަތަކުން ވިޔަފާރިކުރާއިރު ނަގަން ފަށާފައިވާ 30 އިންސައްތައިގެ ފީއަކީ ހަމައެކަނި ދިވެހި ރުފިޔާ އެކައުންޓާ ގުޅިފައިވާ ޑެބިޓް ކާޑުތަކަށް އެކަނި ހިނގާނެ ފީއެއެއްކަމަށާއި އެހެންކަމުން ކްރެޑިޓް ކާޑު ބޭނުންކޮށްގެން ކުރާ އެއްވެސް މުއާމަލާތަކުން މި ފީ ނުނަގާނެކަމަށް ބުނެފައެވެ.
ނަމަވެސް، ބޭންކުގެ އާންމު އުސޫލުތަކުގެ ދަށުން، ކްރެޑިޓް ކާޑާއި ޑެބިޓް ކާޑު ބޭނުންކޮށްގެން ކުރާ ބައެއް މުއާމަލާތްތަކުން 10 އިންސައްތައާ ހަމައަށް ކްރޮސް ބޯޑާ ފީއެއް ނަގާނެކަމަށް ވަނީ ބުނެފައެވެ. މި ފީ ނަގަނީ މައިގަނޑު ދެ ހާލަތެއްގައިކަމަށާއި، އެއީ އެމެރިކާ ޑޮލަރު ފިޔަވައި އެހެން ފައިސާއަކުން މުއާމަލާތް ކުރުމާއި، ދިވެހި ރުފިޔާ އެކައުންޓަކާ ގުޅިފައިވާ ކާޑަކުން ބޭރުގެ މުއާމަލާތެއް ކުރުމުންކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.
މީގެ އިތުރުން، ރާއްޖެއިން ބޭރުގައި އޭޓީއެމް މެދުވެރިކޮށް ފައިސާ ނަގާނަމަ، މަހެއްގެ މައްޗަށް ނެގޭނީ 125 ޑޮލަރެވެ. އަދި ކޮންމެ މުއާމަލާތަކުން 10 ޑޮލަރުގެ ފީއެއް ނަގާނެ ކަމަށްވެސް ބޭންކުގެ އާ އުސޫލުގައި ބަޔާންކޮށްފައިވެއެވެ.
ބީއެމްއެލްއިން އަލަށް ތައާރަފުކުރި 30 އިންސައްތައިގެ ފީ ނަގަން ނިންމާފައިވަނީ ދިވެހިން އާންމުކޮށް ވިޔަފާރިކުރާ ހަ ވެބްސައިޓަކުންނެވެ. އޭގެ ތެރޭގައި ޓެމޫ، ޝީން، އަލީއެކްސްޕްރެސް، އަލީބާބާ، ލަޒާޑާ އަދި އީބޭ ހިމެނެއެވެ. މި ޕްލެޓްފޯމްތަކުން ރުފިޔާ ޑެބިޓް ކާޑު ބޭނުންކޮށްގެން ވިޔަފާރިކުރާނަމަ 30 އިންސައްތައިގެ ފީއެއް ނަގާނެއެވެ.
ނަމަވެސް، ޑޮލަރު އެކައުންޓާ ގުޅިފައިވާ ޑެބިޓް ކާޑުތަކާއި، ވިޔަފާރިތަކަށް ދޫކުރާ ބިޒްނަސް ޑެބިޓް ކާޑުތަކުގެ އިތުރުން ޓްރެވަލް ކާޑުތަކުން މި ފީ ނުނަގާނެ ކަމަށް ބޭންކުން ވަނީ ބުނެފައެވެ.
އާންމު ދިރިއުޅުމަށް ބޭނުންވާ އަސާސީ ހިދުމަތްތަކަށް މި ބަދަލުގެ ސަބަބުން އެއްވެސް އަސަރެއް ނުކުރާނެކަން ބީއެމްއެލްއިން ވަނީ ޔަގީންކޮށްދީފައެވެ. އެގޮތުން އެއާލައިން ޓިކެޓް ގަތުމާއި، ހޮޓާ ބުކިން ހެދުމާއި، ނެޓްފްލިކްސް އަދި ސްޕޮޓިފައި ފަދަ ސަބްސްކްރިޕްޝަން ހިދުމަތްތަކަށް ފައިސާ ދެއްކުމުގައި 30 އިންސައްތައިގެ ފީއެއް ނުނަގާނެކަމަށް ވެސް ވަނީ ބުނެފައެވެ.
