އައްޑޫ ސިޓީ މަރަދޫފޭދޫގައި ހުންނަ ފެނަކަ ކޯޕަރޭޝަން އޮފީހުން ލެޕްޓޮޕެއް ގެއްލުން މައްސަލަ ތަހުގީގުކުރަން ފަށައިފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ އައްޑޫ ސިޓީ މަރަދޫފޭދޫ ފެނަކަ އޮފީހުން ލެޕްޓޮޕެއް ގެއްލުނު މައްސަލަ މި މަހުގެ 7 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އިތުރަށް ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އޮފީހުގެ ފަރާތުން، ސީސީޓީވީ ފޫޓޭޖްތައް ބަލައި ވައްކަންކުރި ފަރާތް ދެނެގަނެވިފައިވާ ކަމަށެވެ. އަދި ވަގަށް ނަގާފައިވާ ލެޕްޓޮޕް ހޯދައި އޭގެ ވެރިފަރާތާއި މިހާރު ހަވާލުކޮށްފައިވާކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން މި މައްސަލަ އިތުރު ތަހުގީގުކުރަމުން އަންނައިރު، މި ވައްކަމާއި ގުޅިގެން އެއްވެސް މީހަކު ހައްޔަރުކުރިކަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުން ވައްކަންކުރުމާއި ތަކެތި ގެއްލުމަކީ ދޭތެރެދޭތެރެއިން ކުރިމަތިވާ މައްސަލައަކަށްވާއިރު، މިފަދަ މައްސަލަތައް ހައްލުކުރުމަށް މިހާރު ގިނަ އޮފީސްތަކުގައި ސީސީޓީވީ ކެމެރާ ބޭނުންކުރާކަން ފާހަގަކުރެވެއެވެ.