މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސްގެ މަގާމަށް ހަސަން ޒަރީރު ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވައިފިއެވެ.

މި މަގާމަށް ޓެކްސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި ޒަރީރު އައްޔަނުކުރައްވާފައިވަނީ އެމަގާމުގައި ކުރިން ހުންނެވި މޫސާ ޒަމީރު މިއަދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، ޒަމީރު މަގާމުން އިސްތިއުފާ ދެއްވިކަން ބަޔާންކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ފޮނުއްވި ސިޓީގައި، އިސްތިއުފާ ދެއްވި ސަބަބެއް ކަމަށް ވިދާޅުވެފައިވަނީ ސިއްހީ ސަބަބުތަކެކެވެ.

ހަސަން ޒަރީރަށް މަގާމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ކުރިއަށްދިޔައީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި، ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވައި ހަސަން ޒަރީރު ވަނީ ކުރައްވާފައެވެ.

ހަސަން ޒަރީރަށް ހުވައިލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު މުހައްމަދު ސަލީމްއެވެ. ހުވައި ކުރެއްވުމަށްފަހު، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވައިގެ އިގްރާރުގައި ހަސަން ޒަރީރު ވަނީ ސޮއިކުރައްވާފައެވެ.