ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ކުރަމުން އަންނަ އިޖުތިމާއީ ޒިންމާގެ މަސައްކަތްތަކުގެ ދަށުން، ނަން-ވިޒިބަލް ޑިސްއެބިލިޓީސް ހުންނަ ފަސިންޖަރުންނަށް ހާއްސަކޮށްގެން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގެ ޓާމިނަލް 1 ގައި 'ކާމް ރޫމް' އެއް މިއަދު ހުޅުވައިފިއެވެ.
ޓާމިނަލް 1 ގައި މިއަދު ބޭއްވި ހާއްސަ ހަފުލާއެއްގައި މި ކާމް ރޫމް ރަސްމީކޮށް ހުޅުއްވައިދެއްވީ އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދެވެ. މި ހަފުލާގައި މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނާއި، އޯޓިޒަމް ކެއާ މޯލްޑިވްސްގެ އިތުރުން އެމްއޭސީއެލްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
"ބޮލި" ނަމުގައި ތައާރަފްކުރި މި ހިދުމަތަކީ ދުނިޔޭގެ ކުރިއަރާފައިވާ ގިނަ އެއާޕޯޓުތަކުގައި ވެސް ހިންގާ މިފަދަ ޕްރޮގްރާމްތަކާ އެއްގޮތަށް ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމްގެ ދަށުން ހުޅުވުނު ކާމް ރޫމަކީ އެއާޕޯޓުގެ ކޫބާރު ބޮޑު މާހައުލުގެ ސަބަބުން ފަސިންޖަރުންނަށް އުފެދޭ ނުތަނަވަސްކަން ކުޑަކޮށް، ހިތްހަމަޖެހުން ހޯދައިދިނުމަށްޓަކައި ސެންސަރީ ވަސީލަތްތަކާއެކު ތައްޔާރުކޮށްފައިވާ ތަނެއް ކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ.
މި ކާމް ރޫމްގައި ނަން-ވިޒިބަލް ޑިސްއެބިލިޓީސް ހުންނަ ފަރާތްތަކާއިގުޅޭ ތަފާތު ސެންސަރީ އައިޓަމްތަކާއި، އެކްޓިވިޓީސްތަކުގެ އިންތިޒާމް ހަމަޖެހިފައި ހުރުމުގެ އިތުރުން ފަސިންޖަރާއެކު އަންނަ ކޮންމެވެސް އެއް ބެލެނެވެރިއަކަށް މަޑުކޮށްލައިގެން ތިބެވޭނެ އިންތިޒާމު ވެސް ކާމް ރޫމްގައި ހަމަޖެހިފައި ހުންނާނެކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ.
ނަން-ވިޒިބަލް ޑިސްއެބިލިޓީސް އަކީ އިންސާނާގެ ދިރިއުޅުމަށާއި، މުއާމަލާތްކުރުމަށާއި، ވަށައިގެންވާ މާހައުލު ދެނެގަތުމަށް ހުރަސްތަކެއް ކުރިމަތިކުރުވާ ނުކުޅެދުންތެރިކަމުގެ ބާވަތްތަކެވެ.
