މަސްވެރިންނަށް މަހުގެ ހަމަ އަގު ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، މޯލްޑިވްސް ފިޝަރީޒް ކޮމްޕްލެކްސް (މިފްކޯ) އިން މަސްވެރިންގެ އަތުން މަސް ގަންނަ އަގު މިއަދު ބޮޑުކޮށްފިއެވެ.

މި ބަދަލާއެކު، އާދިއްތަ މިއަދުން ފެށިގެން މިފްކޯއިން މަސް ގަންނަ އަގު ވަނީ 18.50 ރުފިޔާއަށް އުފުލިފައެވެ.

މިފްކޯއިން މިހާރު މަސް ގަންނަމުންދަނީ ޕްރައިވެޓް ކުންފުނިތަކާ ވާދަވެރި އަގުތަކެއްގައެވެ. މިގޮތުން އެވްރެޖްކޮށް 17 އާއި 18 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައި މަސް ގަންނަމުންދާއިރު، ސަރުކާރުން ވަނީ މަސް ގަންނަ އަގު 16 ރުފިޔާއަށްވުރެ ދަށްނުކުރަން ނިންމާފައެވެ. މިފްކޯއިން ކަޅުބިލަމަސް ގަންނަ އަގު ބޮޑުކުރި ނަމަވެސް، ކަންނެލި ގަންނަ އަގަށް އަދި ބަދަލެއް ގެނެސްފައެއް ނުވެއެވެ.

އަގަށް އައި މި ބަދަލާއެކު، މިފްކޯގެ ފެލިވަރު، ކޫއްޑޫ އަދި އައްޑޫ ކާރުހާނާތަކުގެ އިތުރުން ގދ. ތިނަދޫ، ފަރެސްމާތޮޑާ، ގައްދޫ، ހއ. އިހަވަންދޫ އަދި ފުވައްމުލައް ސިޓީގެ ބަނދަރުތަކުން މިއަދުން ފެށިގެން އާ އަގުގައި މަސް ގަންނަމުންދާނެއެވެ.

ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ މަސްވެރިންގެ އަތުން މަސް ގަންނަ އަގު 20 ރުފިޔާއަށް ބޮޑުކުރުމެވެ. މި އަމާޒަށް ވާސިލުވުމަށްޓަކައި އެކި މަރުޙަލާތަކަށް ބަހާލައިގެން މަސައްކަތްތައް ދަނީ ކުރެވެމުންނެވެ. އޭގެ ތެރޭގައި މަހުގެ އުފެއްދުންތަކަށް އަގު އެއްކޮށްގެން ވިއްކާ މިންވަރު އިތުރުކުރުމާއި، މަސް ފެކްޓްރީތަކުގެ ކެޕޭސިޓީ ބޮޑުކުރުމުގެ އިތުރުން ބޭރުގެ މާކެޓްތަކަށް މަސް ބޭރުކުރާ މިންވަރު އިތުރުކުރުން ހިމެނެއެވެ. މީގެ އިތުރުން، ދިވެހި މަހަށް ބައިނަލްއަގްވާމީ ބާޒާރުގައި ރަނގަޅު އަގު ހޯދުމުގެ މަސައްކަތުގެ ދަށުން، އިނގިރޭސިވިލާތަށް ބޭރުކުރާ ދިވެހި މަހުގެ އުފެއްދުންތަކުން ނަގަމުންދިޔަ ޓެކްސް މިހާރު ވަނީ ކަނޑާލާފައެވެ.