މޯލްޑިވްސް ފިޝަރީޒް އެގްޒެކެޓިވް ކޮމްޕެނީ (މިފްކޯ) ޒަމާނުއްސުރެ ހިނގަމުން އައި ގޮތަށް ބޮޑެތި އިސްލާހީ ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް އެ ކުންފުނީގެ އާ ޗީފް އެގްޒެކެޓިވް އޮފިސާ (ސީއީއޯ) އަދި މެނޭޖިން ޑައިރެކްޓަރު މުހައްމަދު އަނަސް ވިދާޅުވެއްޖެއެވެ.

އަނަސް މިހެން ވިދާޅުވީ އެ ކުންފުނީގެ އޮޕަރޭޝަނަލް ސެންޓަރުތަކުގެ ހާލަތު ބެއްލެވުމަށް މިހާރު ކުރައްވަމުން ގެންދަވާ ޒިޔާރަތްތަކުގެ ތެރެއިން، ގއ. ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް ވަޑައިގެން އެތަނުގެ މުވައްޒަފުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކައިގައެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަނަސް ވިދާޅުވީ، އޭނާގެ އެންމެ ބޮޑު ތަސައްވުރަކީ މިފްކޯއަށް ބޭނުންވާ އިސްލާހީ ބަދަލުތައް ގެނައުން ކަމަށެވެ. މިފްކޯއަކީ ސައްތައިން ސައްތަ ސަރުކާރުގެ ހިއްސާ އޮންނަ ކުންފުންޏަކަށް ވާއިރު، ކުންފުނި ހިންގުމުގައި މިހާރު ހުރި އުސޫލުތައް ބަދަލުކޮށް، ޒަމާނީ ކުންފުންޏަކަށް މިފްކޯ ބަދަލުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަން އޭނާ ފާހަގަކުރެއްވިއެވެ.

މުވައްޒަފުންގެ މުސާރައާ ގުޅޭގޮތުން ސީއީއޯ ވިދާޅުވީ، މުސާރައަށް ހެޔޮ ބަދަލެއް ގެނައުމަކީ އަމާޒެއް ކަމަށާއި، ނަމަވެސް އެކަން ކުރެވޭނީ ކުންފުނީގެ އާމްދަނީ އިތުރުކުރެވިގެން ކަމަށެވެ. އެހެންކަމުން، ކުންފުނީގެ މާލީ ގާބިލްކަން އިތުރުކުރެވޭނެ އާ ގޮތްތައް ހޯދުމަށް މެނޭޖްމަންޓުން ހާއްސަ އިސްކަމެއް ދޭނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.

"ހަމައެކަނި މަސް އެކްސްޕޯޓް ކުރުމުގެ ބަދަލުގައި އިތުރު އާމްދަނީ ލިބޭނެ ގޮތްތައް އަޅުގަނޑުމެން މިއަދު ހޯދަންޖެހޭ. މިގޮތުން މެނޭޖްމަންޓުން އެބަ މަސައްކަތް ކުރަން ކުންފުނީގެ އޮޕަރޭޝަން ޑައިވާސިފައި ކޮށް، އައު މާކެޓުތައް ހޯދައި، އަޅުގަނޑުމެންގެ އުފެއްދުންތަކަށް އަގު އެއްކުރާނެ އިތުރު ގޮތްތަކެއް ހޯދަން،" ސީއީއޯ ވިދާޅުވިއެވެ.

މީގެ އިތުރުން، ގެންނަ ބަދަލުތަކުގެ ހެޔޮ ނަތީޖާ ފެންނާނީ ހުރިހާ މުވައްޒަފުން ގުޅިގެން އެއް ޓީމެއްގެ ގޮތުގައި މަސައްކަތް ކޮށްގެންކަން ފާހަގަކުރައްވައި، މަސައްކަތުގެ އަހްލާގް ހިފެއްޓުމަށް އިލްތިމާސް ކުރެއްވިއެވެ. އަދި މުވައްޒަފުންގެ ހުރި ކަންބޮޑުވުންތައް ގާތުން ބަލައި، އެކަންކަމަށް ހައްލު ހޯދައިދިނުމަށް މެނޭޖްމަންޓުން މަސައްކަތް ކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.

މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ސީއީއޯ އަނަސް ގެންދަވަނީ މިފްކޯގެ ހެޑް އޮފީހުގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުރި ކުންފުނީގެ ސެންޓަރުތަކަށް ޒިޔާރަތް ކުރައްވަމުންނެވެ. މި ދަތުރުތަކުގެ މައިގަނޑު މަގްސަދަކީ ސެންޓަރުތަކުގެ ހާލަތު ވަޒަންކޮށް، މަސައްކަތްތައް ހަރުދަނާ ކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަތުމެވެ

މުހައްމަދު އަނަސް މިފްކޯގެ މެނޭޖިން ޑައިރެކްޓަރުގެ މަގާމަށް އައްޔަންކުރެއްވީ މިދިޔަ އޭޕްރީލް މަހުގެ 30 ވަނަ ދުވަހުއެވެ. އަނަސް މި މަގާމާ ހަވާލުވެވަޑައިގެންނެވިއިރު، އޭނާއަކީ ހިންގުމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ. މީގެ ކުރިން އޭނާ ވަނީ ދައުލަތުގެ އެކި މުއައްސަސާތަކުގައާއި އަމިއްލަ ކުންފުނިތަކުގެ އިސް މަގާމުތަކެއް ފުރުއްވާފައެވެ.