ފެނަކަ ކޯޕަރޭޝަންގެ ހިންގުމުގެ ހަރަދުތައް ބޮޑުވެ، ރައްޔިތުންނަށް އެކަށީގެންވާ ހިދުމަތެއް ދިނުމަށް ގޮންޖެހުންތަކާ ކުރިމަތިވަމުންދާތީ، ކުންފުނި "ރައިޓްސައިޒް" ކުރުމަށް މުވައްޒަފުން މަދުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ހުސައިން އަފީފު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އަފީފު ވިދާޅުވީ، ފެނަކައަކީ ރާއްޖޭގެ އެންމެ ކުދި ރަށްތަކުން ފެށިގެން އެންމެ ބޮޑު ރަށްތަކަށް ހިދުމަތްދޭ ކުންފުންޏަކަށް ވާއިރު، އިދާރީ ހިންގުން ހަރުދަނާކުރުމަށްޓަކައި ބަދަލުތަކެއް ގެންނަން މަޖުބޫރުވެފައިވާ ކަމަށެވެ.
ކުންފުނީގެ އައު އޮނިގަނޑުގެ ދަށުން ހެޑް އޮފީހުގެ ޑިޕާޓްމެންޓުތަކާއި، ޑިވިޝަންތަކުގެ އިތުރުން އަތޮޅުތަކުގެ ބްރާންޗުތަކުގައި ތިބެންޖެހޭ މުވައްޒަފުންގެ އަދަދު ކަނޑައެޅުމުގެ މަސައްކަތް މިހާރު ކުރަމުން އަންނައިރު ރަށްރަށުގެ ބްރާންޗުތައް ވަނީ 4 ގިންތިއަކަށް ބަހާލާފައެވެ
- އެންމެ މަތީ ގިންތި: ސިޓީތައް
- ދެވަނަ ގިންތި: 1000 އަށްވުރެ ގިނަ ކަސްޓަމަރުން ތިބޭ ރަށްރަށް
- ތިންވަނަ ގިންތި: 500 އާއި 1000 އާ ދެމެދުގެ ކަސްޓަމަރުން ތިބޭ ރަށްރަށް
- ހަތަރުވަނަ ގިންތި (އެންމެ ކުދި ބްރާންޗުތައް): 300 އަށްވުރެ މަދު ކަސްޓަމަރުން ތިބޭ ރަށްރަށް
އަފީފު ފާހަގަކުރެއްވި ގޮތުގައި ބައެއް ޔުނިޓުތަކުގައި މުވައްޒަފުން ކުރާނެ މަސައްކަތެއް ނެތި ތިބިއިރު، ބައެއް ތަންތަނުގައި ބޭނުންވާ ވަރަށް މުވައްޒަފުން ނެތުމުގެ މައްސަލަ ވަނީ ފާހަގަކުރެވިފައެވެ. ފެނަކައިގައި މިވަގުތު 8,000 އެއްހާ މުވައްޒަފުން މަސައްކަތް ކުރަމުންދާއިރު، އެ މުވައްޒަފުންގެ މުސާރައަށް އެކަނިވެސް މަހެއްގެ މައްޗަށް ގާތްގަނޑަކަށް 90 މިލިއަން ރުފިޔާ ހަރަދުވާ ކަން ހާމަކުރައްވަމުން އަފީފް ވިދާޅުވީ މިއީ ކުންފުންޏަށް ލިބޭ އާމްދަނީއާ ނުބައްދަލު، އަދި ހިދުމަތް ދިނުމަށް ކުރަންޖެހޭ އެހެނިހެން ހަރަދުތަކަށްވުރެ ބޮޑު އަދަދެއްކަމަށެވެ.
މީގެ އިތުރުން، ކުރިން ފެށި އެކި މަޝްރޫއުތަކަށް ނަގާފައިވާ ބައެއް މުވައްޒަފުންނަކީ އޮފީހަށް ހާޒިރުވާން ނުޖެހޭ މުވައްޒަފުން ކަމަށާއި، އެ މަޝްރޫއުތައް ހުއްޓިފައި ހުރި ނަމަވެސް އެމީހުންނަށް މުސާރަ ދޭންޖެހުމުން ކުންފުންޏަށް ބޮޑެތި ބުރަތަކެއް ވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. މި މައްސަލައަށް ޙައްލެއް ހޯދުމަށް ކުންފުނީގެ ބޯޑުން މިހާރު ރިޑަންޑެންސީ ޕޮލިސީއެއް ފާސްކޮށްފައިވާއިރު އަމިއްލައަށް ވަޒީފާއިން ވަކިވާން ބޭނުންވާ މުވައްޒަފުންނަށް 4 މަހުގެ މުސާރަ ގަނޑުކޮށް ދިނުމަށްފަހު ވަކިވުމުގެ ފުރުސަތު ދެވޭނެއެވެ. އަދި އައު އޮނިގަނޑަށް މުވައްޒަފުން ނެގުމުގައި ކުންފުނީގެ އެންމެ ދުވަސްވީ، ތަޖުރިބާކާރު އަދި ބޭނުންތެރި މުވައްޒަފުންނަށް އިސްކަންދޭނެއެވެ.
އޮނިގަނޑުން ޖާގަ ނުލިބޭ މުވައްޒަފުން ވަކިކުރާނީ، އެމީހަކު ވަޒީފާ އަދާކުރި މުއްދަތަށް ބަލައި އެކަށީގެންވާ ރިޑަންޑެންޓް ޕެކޭޖެއް ދިނުމަށްފަހުކަމަށް ފެނަކައިން ވަނީ ބުނެފައެވެ.ފެނަކައިން ބުނި ގޮތުގައި މި ނިންމުމަކީ ސިޔާސީ އެއްވެސް މަގްސަދެއް އޮވެގެން ނިންމި ނިންމުމެއް ނޫން ކަމަށާއި، މިއީ ކުންފުނި ބަނގުރޫޓުވިޔަނުދީ، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި އެޅި މަޖުބޫރު ފިޔަވަޅެއް ކަމަށެވެ.
