ހަގީގީ މާނައިގައި ކުޑަކުދިންނަށް ރައްކާތެރި މުޖުތަމައެއް ގާއިމުކުރެވޭނީ، އޯގާތެރި މުޖުތަަމައެއް ބިނާކޮށްގެން ކަމަށް ރައީސްލުޖުމްހޫރިއްޔާގެ އަނބިކަބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެެއެވެ.
ކުޑަކުދިންގެ ހައްގުތަކާ ބެހޭ މަޝްވަރާ އިފްތިތާހުކުރުމަށް ބޭއްވި ހާއްސަ ހަފްލާ ޝަރަފްވެރިކޮށްދެއްވަމުން ސާޖިދާ ވިދާޅުވީ ކޮންމެ ކުއްޖަކީވެސް ރައްކާތެރިކަމާ، ބާރުވެރިކަމާއެކު ބޮޑުވާ ކުއްޖެއްކަން ކަށަވަރުކުރުމަށް މުޅި މުޖުތަމައުގެ އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.ކުޑަކުދިންނަކީ މިގައުމުގެ އުންމީދުކަން ފާހަގަކުރައްވަމުން އެކަމަނާ ވިދާޅުވީ، މިއަދު ކުދިން ތަރުބިއްޔަތު ކުރާ ގޮތަކީ ހަމައެކަނި އެކުދިންގެ މުސްތަގުބަލަށް ގުޅިފައިވާ ކަމެއް ނޫން ކަމަށާއި، އެއީ މުޅި މުޖުތަމައުގެ ކުރިމަގާއި ދުޅަހެޔޮކަމާ ގުޅިފައިވާ ކަމެއް ކަމަށެވެ.
ކުޑަކުދިންނަށް އޯގާތެރިވެ އަޅާލުމަކީ ހަމައެކަނި އެކުދިންގެ އަސާސީ ބޭނުންތައް ފުއްދައިދިނުމެއް ނޫންކަމަށާ، އެކުދިންގެ ފިކުރާ، އަހުލާގާއި، މުޖުތަމައަށް ބޭނުންތެރި، އިތުބާރު ހުރި ބަޔަކަށް ހެދުމަށް ބޭނުންވާ މާލީ އަދި އަހުލާގީ ބިންގާ އަޅައިދިނުން މުހިއްމު ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ. ކޮންމެ ކުއްޖަކީވެސް ރައްކާތެރިކަމާއި، ބާރުވެރިކަމާއެކު ބޮޑުވާ ކުއްޖެއްކަން ކަށަވަރުކުރުމަށް މުޅި މުޖުތަމައުގެ އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.
"މިއީ ގާނޫނުތަކާއި މުއައްސަސާތަކުގެ ޒިންމާއެއް ނޫން. އެންމެ ވަރުގަދަ ރައްކާތެރިކަމެއް ކުދިންނަށް ލިބިގެންދާނީ ގޭތެރެއާއި، ސުކޫލުތަކާ، މުޖުތަމައުގެ ތެރޭގައި އަޅުގަނޑުމެން ހިފަހައްޓާ އުސޫލުތަކާއި ކުރާ އަމަލުތަކުން. އެގޮތުން ކުދިންނާ ވާހަކަދައްކާ ގޮތާއި، އެކުދިންގެ އަޑުއަހާ ގޮތާއި، އަދި އެކުދިންނަށް ދައްކާ ނަމޫނާއަކީ ވަރަށްވެސް މުހިންމު ކަމެއް." ސާޖިދާ ވިދާޅުވިއެވެ،
މީގެ އިތުރުން ސާޖިދާ ވިދާޅުވީ ހަގީގީ މާނައިގައި ކުޑަކުދިންނަށް ރައްކާތެރި މުޖުތަމައެއް ބިނާކުރެވޭނީ ހަމައެކަނި ރައްކާތެރިކަމުގެ ނިޒާމުތަކެއް ގާއިމުކޮށްގެން ނޫން ކަމަށާއި، މިކަން ކުރެވޭނީ ކަންކަމަށް ސަމާލުވާ، މަޢުލޫމާތު ލިބިފައިވާ، އޯގާތެރި އަދި އެންމެން ގުޅިގެން އެއް އަމާޒަކަށް މަސައްކަތްކުރާ މުޖުތަަމައެއް ބިނާކޮށްގެން ކަމަށެވެ. މީގެ އިތުރުން، ކުޑަކުދިން ރައްކާތެރިކުރުމަކީ ލޯތްބާއި ރައްކާތެރިކަން ފޯރުކޮށްދޭނެ މައިންބަފައިންނާއި، މުދައްރިސުންނާއި، އަދި ރަނގަޅު މަގު ދައްކައިދޭ މުޖުތަމައުގެ ކޮންމެ ފަރުދެއްގެވެސް ޒިންމާއެއް ކަމަށް ވިދާޅުވިއެވެ.
ގައުމީ ކުޑަކުދިންގެ ދުވަހާއި ގުޅުވައިގެން ފެށި "މަޝްވަރާ އޮން ޗައިލްޑް ރައިޓް" ނުވަތަ ކުޑަކުދިންގެ ހައްގުތަކާ ބެހޭ މަޝްވަރާގެ ހަރަކާތަކީ، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށްޓަކައި ގުޅިގެން މަސައްކަތްކޮށް، ކުޑަކުދިންނަށް ދިމާވާ އެކި ކަހަލަ ކަންކަމާއި، އެކުދިންގެ ހައްގުތައް ހިމާޔަތްކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް އިޖުތިމާއީ ވުޒާރާއިން ކުރިއަށްގެންދާ ހަރަކާތެކެވެ.
