އަމިއްލަ ނަފުސަށް އިތުބާރުކުރާ، އަގީދާ ވަރުގަދަ، އަދި ގައުމިއްޔަތަށް ލޯބިކުރާ ޒިންމާދާރު ޖީލެއް ބިނާކުރުމަށް ސަރުކާރުން ފަށާފައިވާ "ދިވެހި ވަތަނީ ހިދުމަތް" ޕްރޮގްރާމުގެ ފަންނީ ތަމްރީނުތަކުގައި ބައިވެރިވުމަށް 77 ޒުވާނުން މިއަދު ބ. ކިހާދޫއަށް ފުރައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއަދު ކިހާދޫއަށް ފުރާފައިވަނީ ދިވެހި ވަތަނީ ހިދުމަތުގެ ތަމްރީނުގެ ދެވަނަ ބެޗް ފުރިހަމަކުރި ޒުވާނުންގެ ތެރެއިން ފަންނީ ތަމްރީނުތަކަށް ކުރިމަތިލި ބައިވެރިން ކަމަށެވެ. މި ބައިވެރިން ތަމްރީނު ހޯދާނީ ބ. ކިހާދޫގައި ގާއިމުކޮށްފައިވާ އެމްއެންޑީއެފްގެ "ސްކޫލް އޮފް އިންޖިނިއަރިން އެންޑް ލޮޖިސްޓިކްސް" ގައެވެ.
މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވަނީ ރާއްޖޭގެ 17 އަތޮޅެއްގެ 50 ރަށަކަށް ނިސްބަތްވާ، އުމުރުން 16 އަހަރާއި 19 އަހަރާ ދެމެދުގެ ޒުވާނުންނެވެ. މި ތަމްރީނުގެ ތެރެއިން ތަފާތު 6 ފަންނީ ދާއިރާއަކުން ތަމްރީނު ފުރިހަމަކުރުމުގެ ފުރުސަތު މި ޒުވާނުންނަށް ލިބިގެންދާނެއެވެ.
ސަރުކާރުގެ މި މަޝްރޫއުގެ މައިގަނޑު މަގްސަދަކީ ރޫހާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ، މަސައްކަތްތެރި އަދި ގައުމީ ލޯބި އަށަގެންފައިވާ ރައްޔިތުންތަކެއް ދިވެހި މުޖުތަމައަށް ނެރުމެވެ. މި ޕްރޮގްރާމަކީ ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ޒުވާނުން ބާރުވެރިކުރުވުމަށާއި، ޒުވާނުންނަކީ ކަންކަމުގައި އިސްނަގާ، ޒިންމާދާރު ބަޔަކަށް ހެދުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
