ފެނަކަ ކޯޕަރޭޝަންގެ ހަރަދުތައް ކުޑަކޮށް، މާލީ ގޮތުން ހަމައަަކަށް އަޅުވަން މުވައްޒަފުން މަދުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
އެ ކުންފުނީގެ ޗީފް ކޯޕަރޭޓް އޮފިސަރު އުސައިދު ހަސަން ސޮއިކުރެއްވުމަށް ފަހު, ހުރިހާ ޑިޕާޓްމަންޓަކަށް ފޮނުވި ގުޅޭ މެމޯއެއްގައި ބުނެފައި ވަނީ މުވައްޒަފުން އެދިގެން އަދާކުރަމުން އަންނަ ވަޒީފާއިން ވަކިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އެހެންކަމުން އެކަމަށް އެދުމުގެ ފުރުސަތު މާދަމާއިން ފެށިގެން އަންނަ އާދިއްތަ ދުވަހުގެ 15:00ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. އެގޮތުން އަމިއްލައަށް ވަކިވާން ބޭނުންވާ މުވައްޒަފުން އެކަން ހުށަހަޅަން އަންގާފައިވަނީ ފެނަކައިގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓަށެވެ. އަދި އަމިއްލައަށް އެދިގެން ވަކިވާ މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރަ ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ މެމޯގައި ބުނެފައި ވެއެވެ.
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަފީފް ހުސައިން މީގެ ކުރިން ވަނީ ފެނަކައިގައި މިހާރު ވެސް 8000 އެއްހައި މުވައްޒަފުން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ.
ފެނަކައިން މުވައްޒަފުން މަދުކުރުމުގެ މަސައްކަތް ފަށާފައިވާއިރު މިދިޔަ އޭޕްރީލް މަހު ފިނޭންސް މިނިސްޓްރީން ވަނީ ސަރުކާރު ކުންފުނިތަކުން 33 ޕަސެންޓް މުވައްޒަފުން މަދުކުރުމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އަށް އަންގާފައެވެ.
އަދި ވަޒީފާއަށް މީހުން ނެގުމުގެ ނިޒާމު ހަރުދަނާކޮށް، ތައުލީމީ ފެންވަރާއި ހުނަރާއި ގާބިލިއްޔަތަށް ބަލައިގެން މީހުން އައްޔަންކުރާ އުސޫލު (މެރިޓް ބޭސްޑް ޕޮލިސީ) މިހާރަށް ވުރެ ހަރުދަނާކޮށް، އެ އުސޫލާ އެއްގޮތަށް އަމަލުކުރެވޭކަން ކަށަވަރުކުރުމަށް ވެސް އަންގާފައި ވެއެވެ. މީގެ އިތުރުން، އެ އިރުޝާދުތައް ތަންފީޒުވަމުންދާ ގޮތުގެ އަދާހަމަ މައުލޫމާތު ގަވާއިދުން މިނިސްޓްރީއަށް ހިއްސާކުރުމަށް ވެސް އަންގާފައި ވެއެވެ.
މިއީ ކުންފުނިތަކުގެ ހަރަދު ކުޑަކުރުމަށާއި، ފައިސާ ހަރަދުކުރުމުގައި ހަރުދަނާ އުސޫލުތަކެއް ގެންގުޅުމަށާއި މާލީ މެނޭޖްމަންޓް ރަނގަޅުކުރުމަށް ޕީސީބީން މީގެ ކުރިން ނެރެފައިވާ އިރުޝާދުތަކަށް އިތުރުކުރެވުނު ކަންތައްތަކެއް ކަމަށް ވެސް ބުންޏެވެ.
