ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން ބުނި ގޮތުގައި މި ތަކެތި އަތުލައިގެންފައިވަނީ 24 މެއި 2026 ވަނަ ދުވަހު ވައިގެމަގުން ރާއްޖެއަށް އައި ފަސިންޖަރެއްގެ އަމަލުތައް ހުރިގޮތުން ޝައްކުކުރެވިގެން، އޭނާގެ ދަބަސް ފާސްކުރުމުގެ ތެރޭގައެވެ.

މިގޮތުން އަތުލައިގަނެވުނު ތަކެތި ތަހުލީލުކުރިއިރު، އެ ތަކެތި ވަނީ މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ މެތަމްފެޓަމިން (Methamphetamine) އަށް ޕޮޒިޓިވް ވެފައެވެ. އަތުލައިގަނެވުނު މި ތަކެތީގެ ބަރުދަނުގައި ޖުމްލަ 941 ގްރާމް ހުރިކަމަށް ކަސްޓަމްސްއިން މައުލޫމާތު ދެއެވެ.

މި ތަކެތީގެ މަގުމަތީ އަގަށް ބަލާއިރު، ގާތްގަނޑަކަށް 1.8 މިލިއަން ދިވެހި ރުފިޔާ އަރާނެކަމަށް ލަފާކުރެވޭކަމަށްވެސް ކަސްޓަމްސްއިން ބުނެފައިވެއެވެ.

ވައިގެ މަގުންނާއި ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅޭ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގަތުމަށް ފަހު ފުލުހުންނާ ހަވާލުކޮށް މިފަދަ މައްސަލަތައް އަންނަނީ ތަހުގީގު ކުރަމުންނެވެ. މިހާރު ވެސް މިފަދަ މައްސަލަތަކުގައި ހައްޔަރުކޮށްފައި ތިބި މީހުން ބަންދުގެ މުއްދަތު ޖަހާފައި ތިބި އިރު، ބައެއް ފަރާތްތަކާ މެދު ހުކުމް ކޮށް އަންނަނީ ފިޔަވަޅު އަޅަމުންނެވެ.

އަދި ފަހަކަށް އައިސް މަސްތުވާތަކެތި އެތެރެކުރުމުގައި ބިދޭސީން ހަރަކާތްތެރިވާ ކަމަކީ ފާހަގަކޮށްލެވޭ ކަމަކަށްވާއިރު އޭގެ ތެރޭގައި އަންހެނުންނާއި ފިރިހެން ބިދޭސީން ވެސް ހިމެނެއެވެ.