މޯލްޑިވްސް ޕްރޮފެޝަނަލް ސްޕީކާސް އެސޯސިއޭޝަން (އެމްޕީއެސްއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ ރާއްޖޭގެ ތިންވަނަ "ޕްރޮފެޝަނަލް ސްޕީކާސް ސަމިޓު 2026" އަންނަ ޖުލައި މަހުގެ 11 އިން 12 އަށް މާލޭގައި ބޭއްވުމަށް ހަމަޖައްސައިފިއެވެ.

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ބިޒްނަސް ސްކޫލް އޮޑިޓޯރިއަމްގައި ކުރިއަށްދާ މި ސަމިޓަކީ، ރާއްޖޭގައި ވާހަކަ ދެއްކުންތެރިކަމާއި މުއާސަލާތީ ހުނަރުތައް ކުރިއެރުވުމަށް ބާއްވާ އެންމެ ބޮޑު އެއް ހަރަކާތެވެ. "ވޮއިސަސް އޮފް އިމްޕެކްޓް" ނުވަތަ ނުފޫޒުފޯރުވަނިވި އަޑުތަކުގެ ޝިއާރުގެ ދަށުން ބާއްވާ މި އަހަރުގެ ސަމިޓުގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ގިނަ ގައުމުތަކެއްގެ މާހިރުން ބައިވެރިވާނެއެވެ.

އޭގެ ތެރޭގައި އެމެރިކާ، ސިންގަޕޫރު، ސްވިޑަން، އިންޑިއާ، އިނގިރޭސިވިލާތް އަދި ރަޝިއާގެ ސްޕީކަރުންނާއި، ޓްރޭނަރުންނާއި، ކޯޗުންގެ އިތުރުން ކޮންސަލްޓަންޓުން ހިމެނެއެވެ. މީގެ އިތުރުން ރާއްޖޭގެ ފާހަގަކޮށްލެވޭ ތަޖުރިބާކާރު ސްޕީކަރުންވެސް މި ސަމިޓުގައި ތަގުރީރުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

https://www.facebook.com/permalink.php?story_fbid=pfbid0NiyG4hayDHmXTTZ71ghK7Vzp9mdi8y76ktAztmtLMpYbxt21rqK1ftmNcZAwDsdFl&id=100085682778249

އެމްޕީއެސްއޭއިން ހާމަކުރި ގޮތުގައި މި ސަމިޓުގެ މައިގަނޑު މަގުސަދަކީ ލީޑާޝިޕާއި، ވިޔަފާރި ކުރިއެރުވުމާއި އަދި އަމިއްލަ ތަރައްގީއަށް މުއާސަލާތުކުރުމުގެ ހުނަރު ބޭނުންކުރާނެ ގޮތްތައް އުނގަންނައިދީ، އެކަމަށް ހިތްވަރުދިނުމެވެ. އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ފަދަ ޒަމާނީ ޓެކްނޮލޮޖީތައް ކުރިއަރަމުން އަންނަ މި ދުވަސްވަރުގައި ވެސް އެންމެ މުހިންމު އެއް ހުނަރަކީ އިންސާނުން އެކަކު އަނެކަކާ މުއާސަލާތުކުރުމުގެ ހުނަރު ކަމަށް އެ ޖަމިއްޔާއިން ދެކެއެވެ.

އެ ޖަމިއްޔާއިން ބުނީ، މި ސަމިޓުގައި ވާހަކަދެއްކުންތެރިންނާއި، ޓްރޭނަރުންނާއި، ތައުލީމީ ދާއިރާގެ ބޭފުޅުންގެ އިތުރުން ވިޔަފާރިވެރިންނާއި ޕްރެޒެންޓޭޝަން ހުނަރުތައް ކުރިއަރުވަން ބޭނުންވާ އާންމު ފަރުދުންނަށްވެސް ބައިވެރިވެވޭނެ ކަމަށެވެ. ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ހަރަކާތުގައި އަލިއަޅުވާލާނެ މައިގަނޑު ދާއިރާތަކަކީ:

  • ޕްރޮފެޝަނަލްކޮށް ވާހަކަދެއްކުމާއި ވާހަކަ ކިޔައިދިނުމުގެ ހުނަރު (ސްޓޯރީޓެލިންގ).
  • އޯޑިއަންސްގެ ސަމާލުކަން ހޯދުމާއި ލީޑަރޝިޕް ކޮމިއުނިކޭޝަން.
  • ޕަރސަނަލް ބްރޭންޑިންގ އަދި ވާހަކަދެއްކުން ވިޔަފާރިއަކަށް ހެދުން.

މައުލޫއުތަކަށް މަޝްވަރާކުރުމުގެ އިތުރުން، ބައިނަލްއަގުވާމީ ތަޖުރިބާކާރުންނާ ބައްދަލުކޮށް ގުޅުން ބަދަހިކުރުމުގެ ފުރުސަތު ވެސް މި ސަމިޓްގެ ބައިވެރިންނަށް ލިބިގެންދާނެ ކަމަށް އެ ޖަމިއްޔާ އިން ބުނެއެވެ. މި ސަމިޓުގައި ބައިވެރިވުމުގެ ފުރުސަތު އެމްޕީއެސްއޭގެ މެމްބަރުންނަށާއި އާންމުންނަށް މިހާރު ވަނީ ހުޅުވާލާފައެވެ. ޝައުގުވެރިވާ ފަރާތްތަކުން އެ ޖަމިއްޔާގެ ރަސްމީ އޮންލައިން ޕްލެޓްފޯމް މެދުވެރިކޮށް ރަޖިސްޓްރީވުމުގެ ކަންކަން ކުރިއަށް ގެންދެވޭނެއެވެ.