މިދިޔަ މަހުގެ ތެރޭގައި މަސްދޯނި ފަހަރުން މިފްކޯއަށް ކިރުވި މަހަށް، މަސްވެރިންނަށް 31 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް މޯލްޑިވްސް ފިޝަރީޒް އިންޑަސްޓްރިއަލް ކޮމްޕެނީ (މިފްކޯ) އިން ހާމަކޮށްފިއެވެ.

މިފްކޯއިން އާންމުކޮށްފައިވާ މެއި މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ގިނައިން ފައިސާ ދޫކޮށްފައި ވަނީ ކަޅުބިލަމަސް ކިރުވި ދޯނި ފަހަރަށެވެ. އެގޮތުން 367 ދޯންޏަކުން 1,708.9 ޓަނުގެ ކަޅުބިލަމަސް ކިރުވާފައިވާ އިރު، އެ މަހަށް ޖުމްލަ 29,063,153 ރުފިޔާ ވަނީ ދޫކޮށްފައެވެ.

ކަންނެލީގެ ބާވަތްތަކަށް ބަލާއިރު، 15 ކިލޯއިން މަތީގެ ކަންނެލި ކިރުވި 217 ދޯންޏަކަށް 1,880,700 ރުފިޔާ ވަނީ ދީފައެވެ. މި ކެޓަގަރީގައި ޖުމްލަ 75.2 ޓަނުގެ މަސް ކިރުވާފައި ވެއެވެ.

މީގެ އިތުރުން، 10 ކިލޯއިން މަތީގެ ކަންނެލި ކިރުވި 109 ދޯންޏަކަށް 138,000 ރުފިޔާ ދޫކޮށްފައި ވެއެވެ. މި ބާވަތުގެ 6.9 ޓަނުގެ މަސް މިފްކޯއަށް ވަނީ ބަލައިގަނެފައެވެ.

މި ސަރުކާރުން މަސްވެރިންނަށް ދޭންޖެހޭ ފައިސާ ގަވާއިދުން ދިނުމަށް އިސްކަންދެމުން އަންނައިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. މިފްކޯއިން ބުނި ގޮތުގައި މަސްވެރިން ކިރުވާ މަހަށް ފައިސާ ދޫކުރުމުގެ ކަންކަން ދެފުށް ފެންނަ ގޮތެއްގައި ކުރިއަށް ގެންދިއުމަކީ އެ ކުންފުނީގެ މުހިންމު އަމާޒެކެވެ.