މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގުވާމީ ބެލެނިވެރިންގެ ދުވަހުގެ މުނާސަބަތުގައި، ދިވެހި އާއިލާތަކުގެ ބިންގާ ވަރުގަދަކުރުމުގައި ބެލެނިވެރިން އަދާކުރާ މުހިންމު ދައުރަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުރީފު ކުރައްވައިފިއެވެ.

ބެލެނިވެރިންގެ ދުވަހާ ގުޅިގެން ރައީސް މުއިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އާއިލާތަކުގެ ބިންގާ އެޅުމުގައި ބެލެނިވެރިން އަމިއްލަ އެދުމެއް ނެތި ވާ ގުރުބާނީތަކުގެ އަގުވަޒަންކުރައްވާ ކަމަށެވެ. އަދި އަންނަން އޮތް ޖީލުތަކާއި ގައުމުގެ ބާރުވެރިކަން ބިނާވަނީ ބެލެނިވެރިންގެ ލޯތްބާއި ހިތްވަރުގެ މައްޗަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ދިވެހި މުޖުތަމައުގައި ބެލެނިވެރިން އަދާކުރާ މުހިންމު ދައުރު ބަލައިގަނެ، ސަރުކާރުން އަބަދުވެސް ތިބޭނީ ބެލެނިވެރިންނާ އެކުގައި ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، ކޮންމެ ކުއްޖެއްގެ މުސްތަގުބަލު ރައްކާތެރިކޮށްދީ، ބެލެނިވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި މި ސަރުކާރުން ސާބިތުކަމާއެކު ދެމިއޮންނާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ. އެގޮތުން، ތައުލީމީ ދާއިރާއަށާއި، ސިއްހީ ދާއިރާގެ އިތުރުން މުޖުތަމައުގެ ކުރިއެރުމަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމްތަކަށް އިންވެސްޓުކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ރައީސްގެ މެސެޖު ނިންމަވާލައްވަމުން ވިދާޅުވީ، ސަރުކާރުގެ މި އަމާޒުތަކަކީ ދިވެހި މުޖުތަމައުގެ އެންމެ މުހިންމު ބިންގާ ކަމުގައިވާ އާއިލާގެ ދިވެހިވަންތަ އާދަކާދަތައް ދެމެހެއްޓުމަށް ކުރެވޭ މަސައްކަތްތަކެއް ކަމަށެވެ. ބައިނަލްއަގުވާމީ ބެލެނިވެރިންގެ ދުވަސް ނުވަތަ ގްލޯބަލް ޑޭ އޮފް ޕޭރެންޓްސް ގެ ގޮތުގައި ފާހަގަ ކުރާ ދުވަހަކީ އާއިލާތަކުގައި ބެލެނިވެރިން އަދާކުރާ ދައުރު ފާހަގަކުރުމަށް ކޮންމެ އަހަރެއްގެ ޖޫން މަހުގެ އެއްވަނަ ދުވަހު ފާހަގަކުރާ ދުވަހެކެވެ.