ޔޫއޭއީ އާއި ގަތަރަށް ރާއްޖެއިން ކަނޑައަޅާ ސަފީރުންގެ ގޮތުގައި ކުރީގެ ދެ ވަޒީރުން ކަމަށްވާ ތޯރިގް އިބްރާހީމާއި އާދަމް ޝަރީފް އުމަރު އައްޔަންކުރުމަށް ރުހުންދޭން ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން މިއަދު ނިންމައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ހުށަހެޅުއްވި މި ހުށަހެޅުމާ ގުޅިގެން، ކޮމިޓީން މިއަދު ނިންމާފައިވަނީ އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) ގެ ސަފީރަކަށް ތޯރިގް އިބްރާހީމް އަދި ގަތަރުގެ ސަފީރަކަށް އާދަމް ޝަރީފް އުމަރު އައްޔަންކުރުމަށް ރުހުން ދިނުމަށެވެ.
މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ދާއޫދު ވަނީ، މި ދެ ބޭފުޅުންނަކީ ތައުލީމީ ގޮތުންނާއި ތަޖުރިބާގެ ގޮތުން އެ މަގާމުތަކަށް އެންމެ އެކަށީގެންވާ ގާބިލު ބޭފުޅުން ކަމަށް ވިދާޅުވެފަ އެވެ. އެ ބޭފުޅުންގެ ގާބިލުކަމަށް ރިއާޔަތްކޮށް، އިތުރު އިންޓަވިއުއަކާ ނުލައި ރުހުން ދިނުމަށް އޭނާ ހުށަހެޅުއްވި ހުށަހެޅުމަށް ކޮމިޓީގައި ބައިވެރިވި ހަ މެންބަރުން ވެސް ވަނީ އިއްތިފާގުވެފަ އެވެ.
ތޯރިގް އިބްރާހީމަކީ މި ސަރުކާރުގެ އެންވަޔަރަންމަންޓް މިނިސްޓަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. ގަތަރުގެ ސަފީރުކަމަށް ކަނޑައެޅި އާދަމް ޝަރީފް އުމަރަކީ މި ސަރުކާރުގެ ލޯކަލް ގަވަމަންޓް މިނިސްޓަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.
ތޯރިގް އަދި އާދަމް ޝަރީފް އުމަރު ސަފީރު ކަމަށް އައްޔަންކުރެއްވުމަށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވަނީ ހުސްވި މޭ މަހުގެ 14 ވަނަ ދުވަހުއެވެ. މަޖީލުހުގެ ކޮމިޓީން މިދެބޭފުޅުންނަށް ރުހުން ދޭން ނިންމި ނިންމުން ދެން ފޮނުވާނީ މަޖިލީހުގެ ތަޅުމަށެވެ.
