މާލެ ކައިރިން ދެ ލޯންޗު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އެއް ލޯންޗުގެ ކެޕްޓަނަށް ބޮޑެތި އަނިޔާތަކެއް ވެ، އޭނާ ލޯންޗު ތެރޭގައި ތާށިވެއްޖެއެވެ،
މި އެކްސިޑެންޓް ހިނގާފައިވަނީ އިއްޒުއްދީން ފާލަމާ ދިމާލުން ބޭރުން ފަޅަށް ވަންނަ ދިމާލުގައެވެ. މި ހާދިސާގައި އެކްސިޑެންޓްވި އެއް ލޯންޗު ވަރަށް ބޮޑަށް ހަލާކުވެފައިވާއިރު އެކްސިޑެންޓްވި އަނެއް ލޯންޗު ވަނީ އެ ސަރަހައްދުން ފިލާފައެވެ.
އެކްސިޑެންޓްވި ލޯންޗުގެ ކެޕްޓަން ތާށިވެފައިވަނީ، ލޯންޗު ދުއްވަން އިން ދިމާލުން ލޯންޗު ފަޅައިގެން ދިއުމުގެ ސަބަބުން ބޭރަށް ނުކުމެވޭނެ އެއްވެސް ގޮތެއް ނެތިގެންނެވެ. މި ހާދިސާގައި ފުނޑުފުނޑުވެފައިވާ ލޯންޗު މިހާރު އޮތީ އިއްޒުއްދީން ފާލަން ކައިރީގައެވެ.
' ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ މި ހާދިސާގައި އަނިޔާވި އުމުރުން 38 އަހަރުގެ ދިވެހި ފިރިހެނަކަށް ފަރުވާ ދިނުމަށްޓަކައި އައިޖީއެމްއެޗް އަށް ގެންގޮސްފައިވާ ކަމަށެވެ. މި ހާދިސާ ހިނގި އިރު އެ ލޯންޗުގައި ދެ މީހުން ތިބިކަން ފާހަގަކޮށް ފުލުހުން ބުނީ މި ހާދިސާ އިތުރަށް ތަހުގީގުކުރަމުން އަންނަކަމަށެވެ.
