ރާއްޖެއަށް 1.5 ކިލޯގެ މަސްތުވާތަކެތި އެތެރެކުރުމުގެ މައްސަލައެއްގައި އެންމެ އިސްކޮށް ހަރަކާތްތެރިވެފައިވަނީ، އެ މައްސަލައިގައި ހައްޔަރުކޮށްފައިވާ އުމުރުން 29 އަހަރުގެ އާމިނަތު ރޫނާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.
މިދިޔަ އޭޕްރިލް މަހުގެ 17 ވަނަ ދުވަހުގެރޭ ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފައިވަނީ ރޫނާގެ އިތުރުން، އުމުރުން 25 އަހަރުގެ އަލްޔާ ޝަރްސާ ނަސީރެވެ.
ކްރިމިނަލް ކޯޓުން މިއަދު ވަނީ އެ ދެ މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށް، ދެ މީހުންވެސް އިތުރު 30 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.
ރޫނާގެ ބަންދު އަމުރުގައިވާ ގޮތުން، އޭނާގެ އިރުޝާދުގެ ދަށުން ރާއްޖެއިން ބޭރަށް ދަތުރުކުރި މީހަކު ގެނައި ލަގެޖަކުން 1.5 ކިލޯގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ތުހުމަތު ކުރެވެއެވެ. މައްސަލަ ތަހުގީގު ކުރައްވާ އިންވެސްޓިގޭޝަން އޮފިސަރު ކޯޓުގައި ވިދާޅުވި ގޮތުގައި، ރޫނާއަކީ މި މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި މީހާއެވެ.
މީގެ ކުރިން ކޯޓަށް ހާޒިރުކުރުމުން، ރޫނާގެ ދިފާއަށް އޭނާ ވަނީ ފުލުހުންގެ ބޮޑީކެމް ރިކޯޑިންގްސް ހޯދުމަށް އެދިފައެވެ.
އަލްޔާގެ ބަންދު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، އޭނާ ރާއްޖެ އައިއިރު ގެނައި ލަގެޖުން 1.5 ކިލޯގެ މަސްތުވާތަކެތި ފެނިފައިވެއެވެ. އަދި އޭނާގެ ޓްރެވަލް ހިސްޓްރީއަށް ބަލާއިރު، ކައިރި ކައިރީގައި ރާއްޖެއިން ބޭރަށް ދަތުރުކޮށްފައިވާކަން އެނގެން އޮތްއިރު، އޭނާގެ ފޯނުން ވެސް މި މައްސަލައާ ގުޅުންހުރި ހެކި ފެނިފައިވާ ކަމަށް ކޯޓު އަމުރުގައިވެއެވެ. ނަމަވެސް، އަލްޔާގެ ފަރާތުން ތަހުގީގަށް ފުރިހަމައަށް އެއްބާރުލުން ދެމުންދާކަން ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން، އަލްޔާއަކީ ޑިޕްރެޝަނަށް ފަރުވާ ހޯދަމުންދާ މީހެއް ކަމަށް އޭނާގެ ކުރީގެ ބަންދު ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.މި ދެ މީހުންގެ މައްޗަށްވެސް ފުލުހުން ކުރަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން، މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުން، މަސްތުވާތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތެވެ.
ފުރަތަމަ ކޯޓުން ނެރުނު ބަންދު އަމުރުގައި ބުނެފައިވަނީ، އެ ދެ މީހުންގެ އަތުން ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައި 1.8 ކިލޯ ހުރި ކަމަށެވެ. ނަމަވެސް ފަހުގެ ބަންދު އަމުރުތަކުން އެނގޭ ގޮތުގައި މި މައްސަލައިގައި ހިމެނެނީ 1.5 ކިލޯގެ މަސްތުވާތަކެއްޗެވެ. މި މައްސަލައިގެ ތަހުގީގު ފުލުހުން ދަނީ އިތުރަށް ފުޅާކޮށް ހިންގަމުންނެވެ.
