ގަވާއިދާ ހިލާފަށް ބަނގުރަލުގެ ވަގު ވިޔަފާރިކޮށް، މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ، އެ ތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ދެމީހުން ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ ދެމީހުން ކަމުގައިވާ އެމްޑީ ފަޒްލީ ރަބީ (25އ) އާއި، އެމްޑީ ޝަހަޖަން ސަވަލް (36އ) އެވެ. ފުލުހުން ބުނީ މި ދެމީހުން ހައްޔަރުކޮށްފައިވަނީ ސަފާރީއެއް ބަލައިފާސްކޮށްފައިކަމަށެވެ.

ފުލުހުން ބުނީ އާދީއްތަ ދުވަހު ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި، އެ މީހުން ހައްޔަރުކޮށް އެ ސަފާރީ ބަލައިފާސްކުރިއިރު 207 ފުޅި ބަނގުރަލާއި، މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި (ވަގުތީ ބަރުދަން 4.43 ގުރާމް) ފެނިފައިވާކަމަށެވެ. އޭގެ އިތުރުން ގިނަ އަދަދެއްގެ ފައިސާއާއި ޔޫއެސް ޑޮލަރު ވެސް ފެނިފައިވާކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެމީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށްވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.