ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މައުލޫމާތު ދެއްވި ގޮތުގައި، މި ދަތުރުފުޅަކީ ނުރަސްމީ ދަތުރުފުޅެކެވެ. ނަމަވެސް، މި ދަތުރުފުޅާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު ވަނީ ނިމިދިޔަ އަހަރުގެ ތެރޭގައި ވެސް ސިންގަޕޫރަށް ދެ ދަތުރުފުޅެއް ކުރައްވާފައެވެ. މި ދެ ދަތުރުފުޅުގެ ތެރެއިން، މިދިޔަ އަހަރުގެ ޖޫން މަހުގެ 29 އިން ޖުލައި މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް އެމަނިކުފާނު ސިންގަޕޫރަށް ކުރެއްވި ރަސްމީ ދަތުރުފުޅަކީ އެ ގައުމުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އެ ރަސްމީ ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި އިތުރު ދާއިރާތަކުން ގުޅުން ބަދަހިކުރުމަށާއި، ދެ ގައުމަށް މަންފާކުރާނެ ތަރައްގީގެ މަޝްރޫއުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ސިންގަޕޫރުގެ ސަރުކާރާއެކު މަޝްވަރާކުރައްވާފައިވެއެވެ.

މިރަސްމީ ދަތުރުފުޅަށްފަހު، ޖުލައި މަހު ރައީސުލްޖުމްހޫރިއްޔާ އަދި އެމަނިކުފާނުގެ އަނބިކަނބަލުން ވަނީ ސިންގަޕޫރަށް ނުރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ.

މީގެ އިތުރުން، މީގެ ކުރިން ވެސް އެމަނިކުފާނު ވަނީ އާއިލާއާއެކު ސިންގަޕޫރަށް ނުރަސްމީ ދަތުރުފުޅުތަކެއް ކުރައްވާފައެވެ.