މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން، އިސްތިސްނާ ހާލަތްތައް ފިޔަވައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހަޅާފައިވާ ހުރިހާ އާރްޓީއައި ފޯމުތަކަށް މިދިޔަ ހުކުރު ދުވަހުގެ ނިޔަލަށް ޖަވާބުދީ ނިންމާފައިވާ ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ތަރުޖަމާނު މިކަން ހާމަކުރެއްވީ "ޕްރެސާ ވިތު ދަ ސްޕޮކްސް" ސިލްސިލާގެ ދަށުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގާ ގުޅޭގޮތުން ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ތަރުޖަމާނު ވިދާޅުވީ، ގާނޫނުގައި އިސްތިސްނާ ކަނޑައަޅުއްވާފައިވާ ދާއިރާތަކުން މައުލޫމާތު ހޯދުމަށް ހުށަހަޅާފައިވާ ފޯމުތައް ފިޔަވައި، އެހެން ހުރިހާ ފޯމުތަކަކަށް މިހާރު ޖަވާބުދެވިފައިވާ ކަމަށެވެ.
ތަރުޖަމާނު އިތުރަށް ވިދާޅުވި ގޮތުގައި، ސަރުކާރުގެ އެހެން ވުޒާރާތަކާއި އިދާރާތަކުންވެސް މި ނަމޫނާގައި މަސައްކަތް ކުރުމަށް ސަރުކާރުން ބާރުއަޅުއްވައެވެ. އަދި މައުލޫމާތު ހޯދުމަށް ހުށަހަޅާ ފޯމުތަކަށް ވީހާވެސް އަވަހަށް ޖަވާބުދިނުމަށް ބޭނުންވާ އެހީތެރިކަން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ފަރާތުން އެ އިދާރާތަކަށް ފޯރުކޮށްދެއްވަމުން ގެންދަވާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ އަމާޒަކީ ދެފުށް ފެންނަ ސަރުކާރެއް ހިންގެވުން ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ. އެގޮތުން މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 37 ވަނަ މާއްދާގައި ބަޔާންކުރާ، އަމިއްލަ އިސްނެގުމުގައި މައުލޫމާތު ޢާންމުކުރުމުގެ ޒިންމާ އަދާކުރުމުގައި، ސަރުކާރުގެ ހުރިހާ މުއައްސަސާތަކުން ސައްތައިން ސައްތައަށް އިޖާބަދިނުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަންނަވާ ކަމަށްވެސް މުހައްމަދު ހުސައިން ޝަރީފް ވިދާޅުވިއެވެ.
