މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ޗެއާޕާސަން އަކަށް އަބްދުލްމަޖީދު އަލީ އަދި ބޯޑު މެންބަރުގެ ގޮތުގައި ޔާމީން އިދުރީސް އައްޔަންކުރައްވައިފިއެވެ.
ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއާޕާސަންކަމާ ހަވާލުވެވަޑައިގަތް އަބްދުލް މަޖީދު އަލީއަކީ މީގެ ކުރިންވެސް އެ އޮފީހުގެ ބޯޑުގައި ޕްރައިވެޓް ސެކްޓާ ތަމްސީލުކުރައްވާ މެންބަރެއްގެ ގޮތުގައި މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަކީ އޮޕްޓިމޯ އެލްއެލްޕީގެ ޕާޓްނަރެއްގެ އިތުރުން، ބޭންކް އޮފް މޯލްޑިވްސް އަދި ބޭންކް އޮފް ސިލޯނުގައިވެސް މަސައްކަތްކުރައްވާފައިވާ ތަޖުރިބާކާރެކެވެ.
ބޯޑުގެ އާ މެންބަރުކަމަށް އައްޔަންކުރެއްވި ޔާމީން އިދުރީސްއަކީ ސަރުކާރުގެ އެކި އިދާރާތަކުގައި އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން އޭނާ ވަނީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމާއި، މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރުކަން ކުރައްވާފައެވެ. އޭގެ ފަހުން އޭނާ ހަރަކާތްތެރިވަމުން ދިޔައީ އަމިއްލަ ވިޔަފާރީގެ ދާއިރާގައެވެ.
ޕެންޝަން އޮފީހުގެ ޗެއާޕާސަންގެ މަގާމަށް ބޭފުޅަކު އައްޔަނުކުރެވުނީ އެ މަގާމުގައި ހުންނެވި ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު އިނާޒް މިއަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު އިސްތިއުފާދެއްވުމާ ގުޅިގެން، ޗެއާޕާސަންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލުމަށްފަހުއެވެ. އިނާޒް އިސްތިއުފާ ދެއްވާފައި ވަނީ ޕެންޝަން ފަންޑަށް އިންވެސްޓްކޮށް ޕެންޝަން ފަންޑުން އެ ފައިސާ ސަރުކާރުގެ ބޮންޑަކަށް އިންވެސްޓް ކުރުމުގެ މުއާމަލާތާ މެދު ގިނަ ގުނަ މަޝްވަރާތަކެއް ކުރުމުން ވެސް "ދެމެހެއްޓެނިވި ހައްލެއް ހޯދުނު ކަމަށް ގަބޫލުނުކުރެވޭ" ކަމަށް ވިދާޅުވެއެވެ.
ސަރުކާރުގެ ހަރަދުތައް މެނޭޖު ކުރުމަށް މަރުކަޒީ ބޭންކު އެމްއެމްއޭ މެދުވެރިކޮށް ވިއްކާ 2.4 ބިލިއަން ރުފިޔާގެ ބޮންޑުގެ މުއާމަލާތް ހިންގަން ސަރުކާރުން ވިސްނާފައި ވަނީ، ޕެންޝަން ފަންޑުގައި ހުރި ސަރުކާރުގެ ބޮންޑު އެމްއެމްއޭ އަށް ވިއްކައިގެންނެވެ. އަދި ފިނޭންސް މިނިސްޓްރީން ވަނީ އިތުރަށް ބޮންޑު ގަތުމަށް ޕެންޝަން އޮފީހަށް ހުށަހަޅާފައެވެ. އެއީ ގާތްގަނޑަކަށް 2.5 ބިލިއަން ރުފިޔާގެ ބޮންޑެވެ. މިނިންމުމާއެކު ޕެންޝަން އޮފީހުގެ ސީއީއޯ ސުޖާތާ ހަލީމް ވެސް އިސްތިއުފާ ދެއްވާފައިވެއެވެ.
ސަރުކާރުގެ މިނިންމުމާއެކު އިދިކޮޅު ގިނަބަޔަކުވެސް ސަރުކާރަށް ފާޑު ކިޔާފައިވެއެވެ. އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ ސަރުކާރުން އުޅެނީ ޕެންޝަން އޮފީސް ތެރެއިން އޮޅުވާލައިގެން މަނީލޯންޑާ ކުރަން ކަމަށާއި، ސަރުކާރުން ހުށަހަޅާފައިވާ 2.4 ބިލިއަން ރުފިޔާގެ ބޮންޑަށް، މަރުކަޒީ ބޭންކު އެމްއެމްއޭ މެދުވެރިކޮށް ފައިސާ ހޯދުމަކީ އިގްތިސޯދަށް ގެއްލުންވާނެ ނިންމުމެއް ކަމަށް ވިދާޅުވެފައެވެ. މީގެއިތުރުން ސަރުކާރުގެ ހަރަދުތަކަށް ޕެންޝަން ފަންޑުގައި ހުރި ފައިސާ ނެގުމަކީ ބޮޑު ގޯހެއްކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވިދާޅުވެފައިވެއެވެ.
