މާލޭގެ އުތުރު ފަރާތުން ބޮޑުތަކުރުފާނުމަގު ތަރައްގީކުރުމަށް ހިންގާ ބޮޑު މަޝްރޫއުގެ މަސައްކަތްތައް އަންނަ ޖޫން މަހުގެ ނިޔަލަށް އެއްކޮށް ނިންމާލުމަށް އަމާޒުހިފާފައިވާ ކަމަށް އެމްޓީސީސީ އިން ހާމަކޮށްފިއެވެ.

އެކި ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، ލޯކަލް މާރުކޭޓުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލްއާ ހަމައަށް ހިމެނޭ 838 މީޓަރުގެ ސަރަހައްދު 5 ސެގްމަންޓަކަށް ބަހާލައިގެން ދަނީ ތަރައްގީކުރަމުންނެވެ.

އެގޮތުން ސެގްމެންޓް 2، 3 އަދި 4 ހިމެނޭ ސަރަޙައްދުގައި ޝީޓްޕައިލްކުރުމުގެ 80 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. 400 މީޓަރުގެ ސަރަޙައްދެއްގައި ޝީޓްޕައިލްކޮށް މިހާރު ނިންމާލަފައިވާއިރު އެމްޓީސީސީން ބުނީ މަގު ފުޅާކުރުމާއި ޕާކިން ޒޯނަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ބާރުދުވެލީގައި ކުރިއަށްދާ ކަމަށެވެ. އަދި ބަނދަރުގެ ތެރެއިން 98 މީޓަރު ދިގު، 28 މީޓަރު ފުޅާ ސަރަހައްދެއް ހިއްކާފައިވާކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

މި މަޝްރޫއުގެ ދަށުން އެ ސަރަހައްދުގައި 500 ސައިކަލު ޕާކު ކުރެވޭނެ ޖާގައެއް ތަރައްގީ ކުރެވޭނެކަން ހާމަކޮށް އެމްޓީސީސީން ބުނީ މިހާރު ސެގްމަންޓް 5 ގެ ތާރު އެޅުން ފިޔަވައި އެހެން ހުރިހާ މަސައްކަތްތަކެއް ނިމިފައިވާކަމަށެވެ. މިދިޔަ ހަފުތާގެ ތެރޭގައި އެއްގަމުތޮށީގެ ކެޕް އެޅުވުމުގެ މަސައްކަތާއި، 4 ވަނަ ސެގްމަންޓުގެ ދުވާރު ހެދުމުގެ މަސައްކަތް ފަށާފައިވާއިރު މި މަޝްރޫއުގެ ޕްރޮޖެކްޓް މެނޭޖަރު ޝަރްވަސް އަބްދުﷲ ފާއިޒް ވިދާޅުވީ، މިހާރު މަސައްކަތް ކުރިއަށްދާ ސްޕީޑަށް ބަލާއިރު ތާވަލާ އެއްގޮތަށް ޖޫން މަހުގެ ނިޔަލަށް މުޅި މަގުގެ މަސައްކަތް ނިންމާ، އާންމުންނަށް ހުޅުވާލެވޭނެއެވެ.