މިއަހަރުގެ ބަރަކާތްތެރި އަޟްހާ އީދުގެ އުފަލުގައި، ޢއިލާތަކަށް އެކުވެރި މާހައުލެއްގައި އީދު އުފާ ފާހަގަކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން "ޢީދު ހަވީރު 1447" ގްރޭޓާ މާލެ ސަރަހައްދުގައި ވަރަށް ކުލަގަދަކޮށް ބޭއްވުމަށް ނިންމައިފިއެވެ.

ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރު (އެމްއެންޑީއެފް) އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ މި ހަރަކާތުގައި ސިފައިންނާއި ފުލުހުންގެ އިތުރުން ދައުލަތުގެ 10 އެސްއޯއީއަކުން ބައިވެރިވާނެއެވެ.

މާލޭގައި އީދު ހަވީރުގެ ހަރަކާތްތައް އޮންނާނީ މޭ 27އިން 29އަށް، ތިން ދުވަހަށް ބަހާލައިގެން ސަލްޓަން ޕާކާއި، ޝަހީދުންގެ ބިނާ ސަރަހައްދު ހިމެނޭހެން ޖުމްހޫރީ މައިދާނާއި ރަސްމީ ބޮޑުފާލަން ސަރަހައްދުގައެވެ. މިގޮތުން، މި ސަރަހައްދުގައި ވޯޓާ ފައުންޓެއިން، ފޯމް ބާތް ޕޫލް، ރެޕަލިންގް ކުރުން، އަދި ގައުމީ ދިފާއީ ބާރުގެ ސިފައިންގެ ޔުނިފޯމްތަކާއި އޮޕަރޭޝަންތަކުގައި ބޭނުންކުރާ އެކި ކަހަލަ ހަތިޔާރުތަކާއި އެއްގަމާއި ކަނޑުމަތީގައި ބޭނުންކުރާ އެކި އުޅަނދުތައް ދައްކާލުމާއި އެ ތަކެއްޗާ އެކު ފޮޓޯނެގުމުގެ އިންތިޒާމް ހަމަޖައްސާނެ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

މީގެ އިތުރުން މާލޭގައި މޭ 28ވަނަ ދުވަހު، އެމްއެންޑީއެފް އެޖުޓަންޓް ޖެނެރަލްސް ކގެ އާޓްސް އެންޑް ސެރެމޯނިއަލް ސާވިސްއިން ހާއްސަ ހަރަކާތްތަކެއް ހުށަހަޅައިދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އަދި ކެންޓީނުގެ ހިދުމަތް ވެސް ލިބެން ހުންނާނެ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

ހަމަ އެހެންމެ ހުޅުމާލޭގައި ވެސް އީދު ހަވީރުގެ ހަރަކާތްތައް އޮންނާނީ އެ ތިން ދުވަހު، ހުޅުމާލެ ސެންޓްރަލް ޕާކާއި، ފޭސް 2ގެ ހިޔާ ޕާކް ސަރަހައްދުގައެވެ.

މިގޮތުން ހުޅުމާލެ ސެންޓްރަލް ޕާކުގައި، ރެޕަލިންގް ކުރުމާއި، ވޯޓާ ސްލައިޑިންގ އާއި، ފޯމް ބާތް ޕޫލްގެ އިތުރުން، ބޭނުންވާ ފަރާތްތަކަށް ކެންޓީނުގެ ހިދުމަތް ލިބެން ހުންނާނެ ކަމަށް ވެއެވެ. ފޭސް2ގެ ހިޔާޕާކުގައި އޮންނަ ހަރަކާތްތަކުގެ ތެރޭގައި ރެޕަލިންގް ކުރުމާއި، ފަޔާ އިކުއިޕްމަންޓްސް ދައްކާލުމާއި، ޓޭބަލް ލެޑާއަށް އެރުން ފަދަ ހަރަކާތްތައް ހިމެނެއެވެ. މީގެ އިތުރުން ހުޅުމޭލެ ސެންޓްރަލް ޕާކުގައި މޭ 27 އަދި 29ވަނަ ދުވަހު އެމްއެންޑީއެފް އެޖުޓަންޓް ޖެނެރަލްސް ކޯގެ އާޓްސް އެންޑް ސެރެމޯނިއަލް ސާވިސްއިން ހާއްސަ ހަރަކާތްތަކެއް ހުށަހަޅައިދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ވިލިމާލޭ ފުޓްބޯޅަ ދަނޑުގައި، މޭ 27އިން 30އަށް، ހަތަރު ދުވަހަށް ބަހާލައިގެން ބާއްވާ "އީދު ހަވީރު" ގައި ރެޕަލިންގް ކުރުމުގެ ފުރުސަތާއި، އޮބްސްޓިކަލް ކޯސްތަކުގެ އިތުރުން ކުޑަކުދިން ގަޔާވާ ތަފާތު އެކިކަހަލަ ކުޅިވަރުގެ ހަރަކާތްތައް އިންތިޒާމް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އީދު ހަވީރުގެ ހަރަކާތްތައް ކުރިއަށް ދާނީ، އީދު ހަވީރު އޮންނަ ކޮންމެ ދުވަހެއްގެ ހަވީރު 16:00އިން 18:00އަށެވެ.

މި އަހަރުގެ އީދު ހަވީރުގައި ބައިވެރިވާ އެސްއޯއީތަކުގެ ތެރޭގައި ސްޓެލްކޯއާއި، އެމްޑަބްލިޔުއެސްއީއާއި، ވެމްކޯއާއި، އެމްޕީއެލްއާއި، އެމްޓީސީސީއާއި، އެމްއޭސީއެލްއާއި، މިފްކޯއާއި، އާރުޑީސީއާއި، އެޗްޑީސީ އަދި އެފްޑީސީ ހިމެނެއެވެ.