ދުނިޔޭގެ ވިސްލްބްލޯވާ ދުވަސް ފާހަގަކުރުމުގެ ގޮތުން، ވިސްލްބްލޯވާ ޕްރޮޓެކްޝަން ޔުނިޓުން ވީޑިއޯ މުބާރާތެއް އިއުލާން ކޮށްފިއެވެ.

މިކަމާ ގުޅިގެން ހިއުމަސް ރައިޓްސް އޮފް ދަ ކޮމިޝަން (އެޗްއާރްސީއެމް) އިން ބުނީ މި މުބާރާތަކީ ނޭދެވޭ ކަންކަމާއި ކޮރަޕްޝަނާ ދެކޮޅަށް އަޑުއުފުލުމުގެ މުހިންމުކަމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ކުރިއަށްގެންދާ ހަރަކާތެއް ކަމަށެވެ.

"ބްރޭކިން ދަ ސައިލެންސް: ވައި ސްޕީކިންގް އަޕް މެޓާސް" ނުވަތަ "ހަނުހުރުން ހުއްޓާލުން: ބަސްބުނުމުގެ މުހިންމުކަން" މި ޝިއާރުގެ ދަށުން ބާއްވާ މި މުބާރާތް ވަނީ އާންމުންނަށް ހުޅުވާލާފައިކަމަށާއި، މި މުބާރާތަކީ ވަކިވަކި ފަރުދުންނަށާއި ގްރޫޕްތަކަށް ވެސް ބައިވެރިވެވޭ ގޮތަށް ހުޅުވާލެވިފައިވާ މުބާރާތެއްކަމަށް އެޗްއާރްސީއެމް އިން ވަނީ ބުނެފައެވެ.

އެޗްއާރްސީއެމް އިން ބުނީ ބައިވެރިން ހުށަހަޅަންވާނީ 40 ސިކުންތާއި 60 ސިކުންތާ ދެމެދުގެ ދިގުމިނުގެ، މަންޒަރާއި އަޑު ސާފު، ލޭންޑްސްކޭޕް ފޯމެޓްގެ ކުރު ވީޑިއޯތަކެއްކަމަށާއި، ވީޑިއޯތައް ދިވެހި ބަހުން ނުވަތަ އިނގިރޭސި ބަހުން ހުށަހެޅިދާނެކަމަށެވެ. ނަމަވެސް އެހެން ބަހަކުން ތައްޔާރުކޮށްފައިވާ ވީޑިއޯއެއް ނަމަ އިނގިރޭސި ސަބްޓައިޓަލް ހިމަނަން ޖެހޭނެކަމަށް އެޗްއާރްސީއެމް އިން ވަނީ ބުނެފައެވެ.

މި މުބާރާތުގެ ސަބަބުން ޒިންމާދާރުކުރުވުމާއި، ދެފުށް ފެންނަ ނިޒާމެއް ގާއިމުކުރުން އަދި ވިސްލްބްލޯ ކުރާ ފަރާތްތަކަށް ރައްކާތެރިކަން ހޯދައިދިނުމާ ގުޅޭގޮތުން އާންމުންގެ ބައިވެރިވުން އިތުރުކުރެވިގެންދާނެކަމަށް އެޗްއާރްސީއެމް އިން ވަނީ ބުނެފައެވެ.

މި މުބާރާތަށް ހުށަހެޅިދާނެ މައުޟޫއުތަކެއް އެޗްއާރްސީއެމް އިން ވަނީ އިއުލާންކޮށްފައެވެ. އެގޮތުން:

  • ކޮރަޕްޝަނާއި ނޭދެވޭ އަމަލުތައް ހާމަކުރުމާއި ރައްކާތެރިކަމާއެކު ރިޕޯޓްކުރުން
  • ނޭދެވޭ އަމަލުތަކާ ދެކޮޅަށް އަޑުއުފުލުން
  • ރިޕޯޓްކުރާ ފަރާތްތަކަށް ދޭ ބަދަލުހިފުމުގެ އަމަލުތަކުން ރައްކާތެރިކަން ހޯދައިދިނުން
  • ނަޒާހަތްތެރިކަމާއި ޒިންމާދާރުކަން
  • ނޭދެވޭ އަމަލުތައް ރިޕޯޓްކުރުމުގެ ހިތްވަރު، އަދި ދެފުށް ފެންނަ ނިޒާމަކާއި އިންސާފު ގާއިމުކުރުމަށް ބާރުއެޅުން

އެޗްއާރްސީއެމް އިން ބުނީ މި ވީޑިއޯ ހުށަހެޅުމުގެ ސުންގަޑިއަކީ 10 ޖޫން 2026 ގެ ނިޔަލަށްކަމަށެވެ. މި މުބާރާތުގެ ފަނޑިޔާރުކަން ކުރިއަށްދާނީ ދެ މަރުހަލާއަކަށް ބަހާލައިގެންކަމަށާއި ފުރަތަމަ މަރުހަލާގައި ހުށަހަޅާފައިވާ ވީޑިއޯތައް ފަނޑިޔާރުންގެ ޕެނަލަކުން ވަޒަންކުރާނީ މައުޟޫއާ ގުޅޭ މިންވަރަށާއި، ދޭން ބޭނުންވާ މެސެޖު ފޯރުކޮށްދެވިފައިވާ މިންވަރަށާއި އުފެއްދުންތެރިކަމުގެ އިތުރުން ޕްރޮޑަކްޝަންގެ ފެންވަރަށް ބަލައިގެންކަމަށް އެޗްއާރްސީއެމް އިން ވަނީ ބުނެފައެވެ. މީގެ ތެރެއިން ހޮވޭ އެންމެ ރަނގަޅު 10 ވީޑިއޯ އާންމުންގެ ވޯޓަށް ހުޅުވާލެވޭނެކަމަށް ވެސް ވަނީ ބުނެފައެވެ.

އެންމެ މޮޅު ތިން ހުށަހެޅުމަކަށް ފައިސާގެ އިނާމު ދިނުމަށް ހަމަޖެހިފައިވާކަން ފާހަގަކޮށް އެޗްއާރްސީއެމް އިން ބުނީ އެއްވަނައަށް 5,000 ރުފިޔާ، ދެވަނައަށް 3,000 ރުފިޔާ، އަދި ތިންވަނައަށް 1,500 ރުފިޔާ ދެވޭނެކަމަށެވެ. މޮޅުވި ފަރާތްތައް އިޢުލާންކުރާނީ 23 ޖޫން 2026 ގައި ބޭއްވުމަށް ހަމަޖެހިފައިވާ "ވަރްލްޑް ވިސުލްބްލޯވާ ޑޭ" ގެ މުނާސަބަތުގައި ކަމަށް ވަނީ ބުނެފައެވެ.