އިނގިރޭސިވިލާތަށް އެތެރެކުރާ ކަނޑުމަހުން އުފައްދާ ބާވަތްތަކުން ނަގަމުން އައި ވިހި އިންސައްތައިގެ އިމްޕޯޓް ޑިއުޓީ، 2028 ވަނަ އަހަރުގެ ނިޔަލަށް އެ ގައުމުން މެދުކަނޑާލައިފިއެވެ.
މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މިއީ އިނގިރޭސިވިލާތުގެ ކޮންސިއުމަރުންނަށް ލިބޭނެ ލުޔެއްގެ އިތުރުން، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
މީގެ ސަބަބުން މަސްވެރިންނަށް ލިބޭ އާމްދަނީ އިތުރުވެ، ރަށްރަށުގެ ދިރިއުޅުމުގެ ފެންވަރު މަތިވެ އަދި ދެމެހެއްޓެނިވި ގޮތެއްގައި ބާނާ ދިވެހި ކަނޑުމަހުގެ ބާވަތްތަކަށް އިނގިރޭސިވިލާތުގެ ބާޒާރުގައި އިތުރު ފުރުސަތުތައް ފަހިވެގެންދާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ރާއްޖެއަކީ ޕޯލް އެންޑް ލައިން މަސްވެރިކަމުގެ ސަބަބުން، ދެމެހެއްޓެނިވި އަދި ޒިންމާދާރު މަސްވެރިކަމެއް ކުރާ ގައުމެއްގެ ގޮތުގައި ދުނިޔޭގައި ބަލައިގަނެވިފައިވާ ގައުމެއްކަން ފާހަގަކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ މި ތާރީހީ ނިންމުމަކީ ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު އޮތް ގާތް ގުޅުމާއި، ދެމެހެއްޓެނިވި ވިޔަފާރިއަށާއި އިގްތިސާދީ ދިރުމަށް ދެ ގައުމުން ދޭ އަހައްމިއްޔަތުކަން ހާމަކޮށްދޭކަމެއްކަމަށެވެ.
މަސްވެރިންނާއި ރާއްޖޭގެ އިގްތިސާދަށް ލިބުނު މި ބޮޑު ކާމިޔާބީއަށް ޓަކައި ރައީސް މުއިއްޒު ވަނީ އިނގިރޭސި ސަރުކާރަށާއި، މި މަސައްކަތުގައި އެކި ގޮތްގޮތުން އެހީތެރިވެދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.
ދިވެހިރާއްޖެއިން އަހަރަކު ގާތްގަނޑަކަށް 16.7 އާއި 18 މިލިއަން ޕައުންޑާ ދެމެދުގެ އަދަދަކަށް އިނގިރޭސިވިލާތަށް ކަނޑު މަސް އެކްސްޕޯޓް ކުރެއެވެ. ދިވެހިރާއްޖެއަކީ އިނގިރޭސިވިލާތަށް އެންމެ ގިނައިން ކަނޑުމަހުގެ ބާވަތްތައް އެތެރެކުރާ ގައުމުތަކުގެ ތެރެއިން ނުވަ ވަނަ ގައުމަށްވާއިރު، ދިވެހިރާއްޖެއިން ރޯ މެޓީރިއަލް އެކްސްޕޯރޓްކުރުމުގެ ބަދަލުގައި ދިވެހިރާއްޖޭގައި ވީހާވެސް ގިނައިން މަހާއި މަހުގެ އަގުއެއްކުރި އުފެއްދުންތައް އުފައްދަން ސަރުކާރުން އަންނަނީ ބޮޑު އަހައްމިއްޔަތުކަމެއް ދެމުންނެވެ.
މިގޮތުން އިނގިރޭސިވިލާތަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި އިނގިރޭސިވިލާތު ރަސްގެފާނު ޗާލްސްއާއި ސަރުކާރުގެ އިސްބޭފުޅުންގެ އަރިހުން ވެސް ރައީސް މުއިއްޒު ވަނީ ދިވެހިރާއްޖޭގެ ކަނޑުމަހުގެ ބާވަތްތަކުގެ ޓެރިފް ކަޑާލުމަށް އެދިވަޑައިގެންފައެވެ.
