މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އަށް މަސްކިރުވި ދޯނިފަހަރަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން 1.6 މިލިއަނަށް ވުރެ ގިނަ ރުފިޔާ މިއަދު ދޫކޮށްފިއެވެ.
މިފްކޯއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދު ފައިސާ ދޫކޮށްފައި ވަނީ މި މަހުގެ 17 ވަނަ ދުވަހު އެ ކުންފުންޏަށް މަސްކިރުވި ދޯނި ފަހަރަށެވެ. މިއަދު ޖުމުލަ 36 ދޯންޏަކަށް 1,608,000.00 ރުފިޔާ ވަނީ ޖަމާކޮށްދީފައެވެ.
ފައިސާ ދޫކުރި ތަފްސީލަށް ބަލާއިރު، އެންމެ ގިނައިން ފައިސާ ދޫކޮށްފައިވަނީ ކަޅުބިލަމަސް ކިރުވި ދޯނިފަހަރަށެވެ. އެގޮތުން 30 ދޯންޏަކުން ކިރުވި ކަޅުބިލަމަހަށް 1,513,295.00 ރުފިޔާ މިއަދު ވަނީ ދޫކޮށްފައެވެ.
މީގެ އިތުރުން، ކަންނެލި މަސްވެރިކަން ކުރާ ދޯނިފަހަރަށްވެސް މިއަދު ވަނީ ފައިސާ ދޫކޮށްފައެވެ. އެގޮތުން ދޫކޮށްފައި ވަނީ.
- 10 ކިލޯއިން މަތީގެ ކަންނެލި ކިރުވި 7 ދޯންޏަކަށް 3,180.00 ރުފިޔާ.
- 15 ކިލޯއިން މަތީގެ ކަންނެލި ކިރުވި 15 ދޯންޏަކަށް 91,525.00 ރުފިޔާ.
މިފްކޯއިން ބުނިގޮތުގައި މަސްވެރިން ކިރުވާ މަހަށް ދޭންޖެހޭ ފައިސާ ގަވާއިދުން ދޫކުރުމަކީ ސަރުކާރާއި އެ ކުންފުނިން އެންމެ އިސްކަމެއްދޭ އެއް ކަންތަކެވެ. އެގޮތުން މަސްވެރިންނަށް ލިބެންޖެހޭ ފައިސާ ވީހާވެސް އަވަހަށް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން އެ ކުންފުނިން ފާހަގަކުރެއެވެ.
