މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށް ސާބިތުވެ، ދިވެހި ފިރިހެނަކު 25 އަހަރަށް ޖަލަށްލުމާއެކު ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލާގައި ހުކުމް އިއްވާފައިވަނީ ނ. މިލަދޫ / އަލަމާގެ، އަހުމަދު އަބްދުލްހާދީ (43އ) ގެ މައްޗަށެވެ. ކޯޓުން މި ހުކުމް އިއްވާފައިވަނީ އިއްޔެއެވެ. އަހުމަދު އަބްދުލްހާދީގެ މައްޗަށް ކުށް ސާބިތުވެ، އިއްވާފައިވާ ހުކުމުގައިވަނީ އޭނާ 25 އަހަރަށް ޖަލަށްލުމާއެކު، 100,000 (އެއްލައްކަ) ރުފިޔާއިން ޖޫރިމަނާކުރުމަށެވެ.
އޭނާގެ މައްޗަށް މި ހުކުމް އިއްވާފައިވަނީ ގާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ގާނޫނު) ގެ 105 ވަނަ މާއްދާގެ ދަށުންނެވެ.
މި މައްސަލަ ފުލުހަށް ހުށަހަޅާފައިވަނީ 2022 މާރިޗު 4 ވަނަ ދުވަހުއެވެ. މި މައްސަލައިގެ ތަހުގީގު ފުރިހަމަކުރުމަށްފަހު، އޭނާގެ މައްޗަށް ދައުވާ އުފުލުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ 2022 އެޕްރީލް 11 ވަނަ ދުވަހުއެވެ.
ދާދި ފަހުން ވެސް ކްރިމިނަލް ކޯޓުން ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށް ސާބިތުވެ، ދެ މީހަކު 25 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފައި ވެއެވެ. އެފަހަރު ކުށް ސާބިތުވެފައި ވަނީ ކެނަބިސް ބޭނުންކުރުމުގެ ކުށް ސާބިތުވެފައި ވަނީ ނ. ވެލިދޫ / ދިލްބަހާރުގެ، އަހުމަދު އިބްރާހީމް (44އ)ގެ އިތުރުން ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށް ސާބިތުވެފައި ވަނީ ނ. ވެލިދޫ، ހެޕީގާޑްން، ހުސައިން އިބްރާހީމް (39އ) ގެ މައްޗަށެވެ.
މީގެ އިތުރުން ވެސް ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވާ މީހަކު 12 އަހަރާއި 6 މަސްދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު، 50,000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވެއެވެ. ކްރިމިނަލް ކޯޓުން މިދިޔަ މަހުގެ 7 ވަނަ ދުވަހު ހުކުމް އިއްވާފައިވަނީ ސ. ފޭދޫ، ޝީރާޒީގެ، އަލީ ސާއިމް (32އ)ގެ މައްޗަށެވެ.
