ގާޒާގައި ހިނގަމުންދާ އިންސާނީ ކާރިސާއަށް ބައިނަލްއަގުވާމީ މުޖުތަމައުގެ ސަމާލުކަން ހޯދުމަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ، ސުލްހަވެރި މަދަނީ އިންސާނީ ހަރަކާތެއް ކަމަށްވާ 'ގްލޯބަލް ސުމޫދު ފްލޮޓިލާ' އަށް އިޒްރޭލުން ދިން ހަމަލާ، ދިވެހިރާއްޖެ ހިމެނޭހެން 10 ގައުމަކުން ކުށްވެރިކޮށްފިއެވެ.

ރާއްޖެ ހިމެނޭހެން 10 ގައުމެއްގެ ފޮރިން މިނިސްޓަރުން ގުޅިގެން ނެރުއްވި މި ބަޔާނުގައި ސޮއިކުރައްވާފައިވަނީ ބަންގްލަދޭޝް، ބްރެޒިލް، ކޮލަމްބިއާ، އިންޑޮނޭޝިއާ، އުރުދުން، ލީބިޔާ، ޕާކިސްތާން، ސްޕެއިން އަދި ތުރުކީވިލާތުގެ ފޮރިން މިނިސްޓަރުންނެވެ.

އެ ބަޔާނުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، މީގެ ކުރިން ވެސް ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުތަކުގައި ދަތުރުކުރި އެހީގެ އުޅަނދުފަހަރަށް އިޒްރޭލުން ދީފައިވާ ހަމަލާތަކަކީ ނުހަނު ކަންބޮޑުވާ ކަމެކެވެ. އަދި އާންމު ރައްޔިތުން ދަތުރުކުރާ އުޅަނދުފަހަރަށާއި އިންސާނީ އެހީ ފޯރުކޮށްދޭ އެކްޓިވިސްޓުންނަށް އަމާޒުކޮށް އިޒްރޭލުން ދެމުންދާ ހަމަލާތަކާއި، އެ މީހުން ގާނޫނާ ހިލާފަށް ހައްޔަރުކުރުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި ބައިނަލްއަގުވާމީ އިންސާނީ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފު އަމަލުތަކެއް ކަމަށް ފާހަގަ ކުރައްވާފައި ވެއެވެ.

މީގެ އިތުރުން، މި ފްލޮޓިލާގައި ބައިވެރިވާ އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާ މެދު ނުހަނު ބޮޑަށް ކަންބޮޑުވުން ފާޅުކޮށް، ހައްޔަރުކޮށްފައިވާ ހުރިހާ އެކްޓިވިސްޓުން ވަގުތުން މިނިވަންކުރުމަށާއި، އެމީހުންގެ ހައްގުތަކަށާއި ކަރާމާތަށް ފުރިހަމައަށް އިހުތިރާމް ކުރުމަށް ބަޔާނުގައި ގޮވާލާފައި ވެއެވެ.

10 ގައުމުގެ ފޮރިން މިނިސްޓަރުން އިތުރަށް ބަޔާންކުރެއްވި ގޮތުގައި، ސުލްހަވެރި އިންސާނީ ހަރަކާތްތަކަށް ތަކުރާރުކޮށް ދެމުންދާ މިފަދަ ހަމަލާތަކުން ހާމަވަނީ އިޒްރޭލުން ބައިނަލްއަގުވާމީ ގާނޫނުތަކަށާއި ކަނޑުދަތުރުފަތުރުގެ މިނިވަންކަމަށް ދޭންޖެހޭ އިހުތިރާމް ކުޑަކުރާ މިންވަރެވެ. އެހެންކަމުން، ބައިނަލްއަގުވާމީ މުޖުތަމައުން އެފަރާތްތަކުގެ ގާނޫނީ އަދި އަހުލާގީ ޒިންމާ އުފުލައި، އާންމު ރައްޔިތުންނާއި އިންސާނީ އެހީގެ މިޝަންތަކަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ވަނީ ގޮވާލާފައެވެ.

އަދި މިފަދަ ގާނޫނާ ހިލާފު އަމަލުތައް ހިންގާ ފަރާތްތައް ޖަވާބުދާރީ ކުރުވުމަށް އަމަލީ ފިޔަވަޅުތައް އެޅުމަށް ވެސް މިނިސްޓަރުން ވަނީ އިލްތިމާސް ކުރައްވާފައެވެ.

ބޭރުގެ ރިޕޯޓުތައް ބުނާ ގޮތުން އިޒްރޭލުގެ އަސްކަރީ ބާރުތަކުން ގާޒާއަށް ދަތުރުކުރަމުންދިޔަ "ގްލޯބަލް ސުމޫދު" އެހީގެ ގާފިލާ، ސައިޕްރަސްގެ އައްސޭރިފަށާ ދުރުގައިވާ ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުން ހުއްޓުވައި، އެ އުޅަނދުފަހަރަށް އަރައިގަނެފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ. ދުނިޔޭގެ އެކި ގައުމުތަކަށް ނިސްބަތްވާ ގާތްގަނޑަކަށް 319 އެކްޓިވިސްޓުން ބައިވެރިވި މި ހަރަކާތަށް އިޒްރޭލުން ހުރަސްއެޅުމާ ގުޅިގެން، ބައިނަލްއަގުވާމީ މުޖުތަމައުން ވަނީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.