ރާއްޖޭގެ ކުރީގެ ތިން ރައީސުން ކަމަށްވާ ރައީސް އަބްދުﷲ ޔާމީން، ރައީސް ހަޙައްމަދު ނަޝީދު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގުޅިވަޑައިގެން ނެރުއްވި ބަޔާނަށް، ސަރުކާރު ހިންގާ ޕީއެންސީގެ ޕާލިމަންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
އެކްސް މެދުވެރިކޮށް ފަލާހް ކުރެއްވި ޕޯސްޓެއްގައި، މި ތިން ބޭފުޅުންނަކީ "ލަދު ހަޔާތުގެ ކަންފުޅެއްވެސް ނެތް" ބޭފުޅުންގެ ގޮތުގައި ސިފަކުރައްވައި، އެ ބޭފުޅުންގެ ވެރިކަމުގެ ދުވަސްވަރު ހިނގާފައިވާ ކަންކަމަށް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ނޫސްވެރިކަމުގެ މިނިވަންކަމާ ގުޅޭގޮތުން އެ ބޭފުޅުން ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުން ފަލާހް ވިދާޅުވީ، އެ ބޭފުޅުން ބޭއްވި ނޫސް ކޮންފަރެންސްގައި ވެސް ނޫސްވެރިންނަށް ސުވާލު ކުރަން ޖެހުނީ އެ ބޭފުޅުން އެދޭ ގޮތަށް ކަމަށާއި، އެ ނޫން ގޮތަކަށް ސުވާލު ކުރުމުން އެކަން ހުއްޓުވާފައިވާ ކަމަށެވެ. އަދި ރައީސް ޔާމީންގެ ވެރިކަމުގައި ނޫސްވެރިޔާ ރިޟްވާނާއި ޔާމީން ރަޝީދުގެ މަރުގެ ވާހަކަ ދެއްކުމުން ގޯސްވި ކަމަށާއި، ރައީސް ސޯލިހް އެ މަރުތައް ތަހުގީގު ނުކުރި ވާހަކަ ބުނީމާވެސް ގޯސްވި ކަމަށް ފަލާހް ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ ވެރިކަމަށް އިޝާރާތް ކުރައްވައި ފަލާހް ވިދާޅުވީ، ގާޒީއަކު "ވަގަށް ނަގައިގެން" ޖަލަށް ލައި، ކޯޓުތަކުގައި ތަޅުއަޅުވައި، ކޯޓުތައް އަންދާލި ބޭފުޅަކަށް ޝަރުއީ ދާއިރާގެ މިނިވަންކަމުގެ ވާހަކަ ދެއްކޭނެ ޖާގައެއް ނެތް ކަމަށެވެ. އަދި ރަހުމަތްތެރިންނަށް ފަޅުރަށްތައް ބަހާލުމާއި، އެމްއެންބީސީ އާއި ސާކް ސަމިޓާ ގުޅޭ ވައްކަންތަކަކީ ފެންނަން އޮތް ހަގީގަތްތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ރައީސް ޔާމީނާ ގުޅޭގޮތުން ފަލާހް ވިދާޅުވީ، ކޯޓުތަކުގެ ޓިނު ނަގައި، ފަނޑިޔާރުންނަށް ބިރުދައްކައި، ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރަކު ވަކިކޮށް މަޖިލިސް ހިސޯރުކުރީ ޔާމީންގެ ވެރިކަމުގައި ކަމަށެވެ. އަދި ހ. ދަވާލިއަށް ބަލާލުމުން ދައުލަތުން "ވަގަށް ނެގި" ފައިސާގެ ކުޑަ މިންވަރެއް ފެންނާނެ ކަމަށާއި، ނޫސްވެރިންގެ އަނގަމަތީގައި ޓޭޕް އަޅައި، އަމިއްލަ ބޭބޭފުޅު ހިމެނޭހެން އެތައް ބަޔަކަށް އަނިޔާކުރި ކަމަށްވެސް ފަލާހް ތުހުމަތު ކުރެއްވިއެވެ.
މީގެއިތުރުން، ކުރީގެ ރައީސް ސޯލިހްގެ ދައުރުގައި ގައުމު 60 ބިލިއަން ރުފިޔާގެ ދަރަނި ދަންތުރައެއްގައި ޖެއްސި ކަމަށާއި، "ނޭވާ ހޮޅިން" ވައްކަން ކުރުމާއި، ބަދަލުގެ ގޮތުގައި 2 ބިލިއަން ރުފިޔާ ދިނުމުގެ ނަމުގައި ވައްކަން ހިންގި ކަމަށް ފަލާހް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ދެކުނު ކަނޑުން ބައެއް ވިއްކާލައި، ފޯޅަވަހި ދޫކޮށްލީ ފައިސާއަށް ކަމަށް ބެލެވޭ ކަމަށާއި، ނޫސްވެރިންގެ މަސްދަރު ހާމަކުރަން މަޖުބޫރުކޮށް، ސުޕްރީމް ކޯޓާއި ހައިކޯޓުގެ ފަނޑިޔާރުން ވަކިކުރި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ފަލާހްގެ ޕޯސްޓް ނިންމާލައްވަމުން ވިދާޅުވީ، މި ބޭފުޅުންނަށް ވެރިކަމުގެ އާރާއި ބާރު ލިބުމުން ކަންކުރި ގޮތުގެ ކުޑަ މިންވަރަކީ މިއީ ކަމަށެވެ. އެހެންކަމުން، މި ބޭފުޅުން ގައުމާއި ރައްޔިތުންނަށް ހެޔޮއެދޭނެ މިންވަރު ވިސްނާލުމަށް އެދިވަޑައިގަންނަވަމުން، މި މަސައްކަތުގެ ފަހަތުގައި އޮތީ ހުސް އަމިއްލަ އެދުން ކަމަށް އޭނާ ވިދާޅުވިއެވެ.
ފަލާހް މިހެން ވިދާޅުވެފައި މިވަނީ މިރޭ ތިން ރައީސުން ބައްދަލުކުރައްވައި ނޫސްވެރިންނާއެކު ބޭއްވި ބައްދަލުވުމުގެ އިތުރުން އެ ތިން ރައީސުން ގުޅިގެން ނެރުއްވި ނޫސްބަޔާނަށް އިޝަރާތް ކުރައްވަމުންނެވެ. އެ ބަޔާނުގައި ވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ގާނޫނު އަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދޭ އަސާސީ ހައްގުތަކަށް ފާޅުގައި އަރައިގަންނަމުންދާ ކަމަށް ތުހުމަތުކޮށްފައެވެ. އަދި ޝަރުއީ ކޯޓުތަކަށް ނުފޫޒު ފޯރުވުމާއި، ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވާލައި ދައުލަތުގެ މުއައްސަސާތަކުގެ މުސްތަގިއްލުކަން ގެއްލުވާލަމުންދާ ކަމަށްވެސް ތުހުމަތު ކުރައްވާފައިވެއެވެ.
ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއަޅައި، ނޫސްވެރިން ޖަލަށްލަމުންދާ ދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، ސަރުކާރުގެ އިސްރާފު ބޮޑުވެ، ރައްޔިތުންގެ ފައިސާ އާއި މުދާ އަމާނާތްތެރިކަމާއެކު ބެލެހެއްޓޭނެ ކަމުގެ އިތުބާރު ގެއްލިފައިވާ ކަމަށްވެސް ބަޔާނުގައި ވެއެވެ.
