ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި މަސައްކަތްކުރާ ފަންނީ މުވައްޒަފުންނަކީ ބައިނަލްއަގުވާމީ ފެންވަރުގެ ޕްރޮފެޝަނަލް ސަނަދު ލިބިފައިވާ ބަޔަކަށް ހެދުމަށްޓަކައި، އެ ބޭންކުގެ "ޗާޓަޑް ބޭންކާ ޕްރޮގްރާމް" 30 މުވައްޒަފުންނާއެކު ރަސްމީކޮށް ފަށައިފިއެވެ.

މި ޕްރޮގްރާމަކީ ރާއްޖޭގެ މާލީ ދާއިރާއަށް ބޭނުންވާ މާހިރު ބޭންކަރުން ބިނާކުރުމަށްޓަކައި، ޗާޓަޑް ބޭންކިން ކޮލިފިކޭޝަންތަކާއި ފަންނީ ތަރައްގީގެ ޕްރޮގްރާމްތައް ހިންގުމަށް ޖެނުއަރީ 2026 ގައި އޭޝިއަން އިންސްޓިޓިއުޓް އޮފް ޗާޓަޑް ބޭންކާސް (އޭއައިސީބީ) އާއެކު ސޮއިކުރި ފަހުމުނާމާ (އެމްއޯޔޫ) ގެ ދަށުން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.

މި ޕްރޮގްރާމްގެ ފުރަތަމަ ބެޗުގައި ބޭންކުގެ އެކި ދާއިރާތަކުން ހޮވާލެވުނު 30 މުވައްޒަފުން ބައިވެރިވެފައިވާއިރު، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި މި މުވައްޒަފުން މި ކޯސް ފުރިހަމަކޮށް ސަނަދު ހާސިލުކުރާނެއެވެ.

މިކަމާ ގުޅޭގޮތުން ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، ބޭންކުގެ އެންމެ ބޮޑު ރައުސްމާލަކީ މުވައްޒަފުން ކަމަށާއި، މެދުނުކެނޑި ފަންނީ ތަރައްގީއަށް ކުރެވޭ މަސައްކަތަކީ މުއައްސަސާ ވަރުގަދަ ކުރުމަށާއި މުސްތަގުބަލުގެ ލީޑަރުން ބިނާކުރުމަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި މި ޕްރޮގްރާމްގެ ތެރެއިން ލިބޭ އިލްމާއި ތަޖުރިބާއަކީ މުވައްޒަފުންގެ އަމިއްލަ ކުރިއެރުމަށާއި ބޭންކުގެ ދެމެހެއްޓެނިވި ތަރައްގީއަށް ލިބިގެންދާނެ މުހިންމު ބާރެއް ކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ޗާޓަޑް ބޭންކާ ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މުވައްޒަފުން ތަމްރީނުކުރުމަށް ބޭންކުން ހާއްސަކޮށްފައިވާ "ބީއެމްއެލް އެކަޑަމީ" މެދުވެރިކޮށެވެ.

މިއީ މުވައްޒަފުންގެ ގާބިލުކަން އިތުރުކުރުމަށާއި، ބޭންކުގެ ހިދުމަތްތަކަށް ގެންނަމުންދާ ބަދަލުތައް ފުރިހަމައަށް ތަންފީޒުކުރުމުގެ އިތުރުން، މުޅި ރާއްޖެއަށް ފެންވަރު ރަނގަޅު ބޭންކިންގ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ބީއެމްއެލް އިން ދޭ އަހުމިއްޔަތު ރަމްޒުކޮށްދޭ މުހިންމު އިންވެސްޓްމަންޓެއް ކަމަށް އެ ބޭންކުން ބުނެއެވެ.