މާލީ ނިޒާމާއި މުޅި އިގްތިސާދުގެ ހަމަޖެހުމަށްޓަކައި ހަބަރާއި މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓާ މުހައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ވިލާ ނޯޓިކާގައި މިއަދު ފެށި 21 ވަނަ އޭޝިއާ މީޑިއާ ސަމިޓްގައި ވާހަކަދައްކަވަމުންނެވެ.
ޝަރީފް ވިދާޅުވި ގޮތުގައި މާލީ ދާއިރާއާއި މީޑިއާގެ ދާއިރާއަކީ ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ދެ ދާއިރާއެވެ. އާންމުންނާ ހަމައަށް ފޯރުކޮށްދޭ މައުލޫމާތުގެ ފެންވަރާއި ސައްހަކަމުގެ މައްޗަށް ބިނާކޮށް، މާލީ ނިޒާމަށް އޮންނަ އިތުބާރު ވަރުގަދަވުން ނުވަތަ ލޮޅުން އެރުން ބިނާވެގެންވާކަން އޭނާ ފާހަގަކުރެއްވިއެވެ. މީގެ ސަބަބުން ހަމައެކަނި ކަސްޓަމަރުންނާއި ވިޔަފާރިތަކަށް އަސަރުކުރުމުގެ ބަދަލުގައި، ކޮރެސްޕޮންޑެންޓް ބޭންކިން ގުޅުންތަކާއި ބައިނަލްއަގުވާމީ އިންވެސްޓަރުން ފަދަ އިގްތިސާދުގެ ބިންގާ ކަމުގައިވާ ބައިނަލްއަގުވާމީ ގުޅުންތަކަށްވެސް އަސަރުކުރާނެ ކަމަށް ވިދާޅުވިއެވެ.
މީޑިއާގެ ދައުރަކީ ބޮޑު މަސްއޫލިއްޔަތެއްކަން ފާހަގަކުރައްވަމުން، ހަބަރުތައް ވަގުތުން އަދި ސައްހަކަމާއެކު ފެތުރުމަކީ އިތުބާރު ދެމެހެއްޓުމަށް މަގުފަހިކޮށްދޭ ކަމެއްކަން ޝަރީފް ހާމަކުރެއްވިއެވެ. އަދި ހަގީގަތާ ހިލާފު މައުލޫމާތާއި ކަށަވަރުނުކޮށް ފަތުރާ ވާހަކަތަކުގެ ސަބަބުން، އެއްވެސް ބޭނުމެއްނެތް ނުތަނަވަސްކަން އުފެދި، އޭގެ ނޭދެވޭ އަސަރު އެންމެ މުއައްސަސާއަކަށް ކުރުމަށްވުރެ ބޮޑަށް މުޅި މުޖުތަމައަށް ފޯރުމުގެ ފުރުސަތު އޮތްކަމަށް ޝަރީފް ވިދާޅުވިއެވެ.
ޓެކްނޮލޮޖީގެ ސަބަބުން މުއާސަލާތީ ގުޅުންތަކަށް ހަލުވިކަން އައި ނަމަވެސް، މައުލޫމާތުގެ ތެދުވެރިކަމާއި ފަންނީ އަހުލާގު ހިފެހެއްޓުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ދެކިވަޑައިގަންނަވައެވެ. އަދި ޑިޖިޓަލް ޓްރާންސްފޯމޭޝަނުގެ ހަގީގީ މަގުސަދަކީ އެންމެން ބައިވެރިކުރުމާއި ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުން ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން، ބީއެމްއެލްއިން މީޑިއާ ބަލައިގަންނަނީ ގައުމީ ފެންވަރުގެ މުހިންމު ބައިވެރިއެއްގެ ގޮތުގައި ކަމަށާއި، ވޭތުވެދިޔަ އަހަރުތަކުގައި ބްރޯޑްކާސްޓިން ދާއިރާއަށް އެ ބޭންކުން މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާކަންވެސް ޝަރީފް ފާހަގަކުރެއްވިއެވެ.
ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އާއި އޭޝިއާ ޕެސިފިކް އިންސްޓިޓިއުޓް ފޯ ބްރޯޑްކާސްޓިން ޑިވެލޮޕްމަންޓް (އޭއައިބީޑީ) ގުޅިގެން އިންތިޒާމުކުރާ މި ސަމިޓަކީ ރާއްޖޭގައި ބާއްވާ މިފަދަ ފުރަތަމަ ސަމިޓެވެ. މެއިން ސްޕޮންސަރެއްގެ ގޮތުގައި ބީއެމްއެލް ހަރަކާތްތެރިވާ މި ސަމިޓަކީ “މޯލްޑިވްސް 2.0: ފްރޮމް ޓްރެޑިޝަން ޓު ޓެކް” ޝިއާރުގެ ދަށުން ކުރިއަށްދާ ސަމިޓެކެވެ.
