ބްލެކްމެއިލްކުރުމާއި އޮރިޔާން ކާޑު ހެއްދުމުގެ ކުށް ސާބިތުވި މީހަކު 6 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ކޯޓުން ހުކުމްކޮށްފިއެވެ. މި މައްސަލާގައި ކުށް ސާބިތުވެ ހުކުމް އިއްވާފައިވަނީ ގ. ސައުތުބްރީޒް، މަރްޔަމް ރިޔާސާ (43އ) ގެ މައްޗަށެވެ.
މަރްޔަމް ރިޔާސާގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައިވަނީ ޖިންސީ ކުށުގެ ގާނޫނުގެ (ގާނޫނު ނަންބަރު 17/2014) ދަށުންނެވެ. މި މައްސަލައިގެ ޝަރީއަތުގައި ހުށަހެޅުނު ހެކިތަކަށާއި ގާނޫނީ ބަހުސްތަކަށް ބެލުމަށްފަހު، ޖިންސީ ކުށުގެ ގާނޫނުގެ 44 ވަނަ މާއްދާއާއި 35 ވަނަ މާއްދާގެ ދަށުން އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ. މި މައްސަލާގައި ހުކުމް އިއްވާފައިވަނީ މިހިނގާ މެއި މަހުގެ 3 ވަނަ ދުވަހުއެވެ.
ފުލުހުން ބުނީ، މިއީ ރާއްޖެއަކީ ކުށް މަދު، އަމާން މުޖުތަމައަކަށް ހެދުމަށްޓަކައި ފުލުހުން ހުއްޓުމެއް ނެތި ކުރަމުންދާ މަސައްކަތުގެ ތެރެއިން ލިބުނު ކާމިޔާބީއެއްކަމަށެވެ. ފުލުހުންގެ މަސައްކަތްތަކަށް ދައުލަތުގެ އެކި އިދާރާތަކުން ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުން ފުލުހުން ވަނީ މި ފުރުސަތުގައި ފާހަގަކޮށްފައެވެ.
މިފަދަ ނުރައްކާތެރި އިޖުތިމާއީ ކުށްތަކުން މުޖުތަމައު ސަލާމަތްކުރުމަށްޓަކައި ގާނޫނު ތަންފީޒުކުރާ އިދާރާތަކުން އަންނަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންނެވެ.
