އޭޓީއެމްއަށް ދޫކޮށްލެވިފައިވާ ކާޑެއް ނަގައި، އެ ކާޑުން ވިޔަފާރިކުރި މައްސަލައެއްގައި މީހަކު ހޯދަން ފަށައިފިއެވެ.

ފުލުހުން ބުނީ، އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓްގައި ހުންނަ އެޓީއެމްއަށް ދޫކޮށްލެވިފައިވާ ކޭޝް ކާޑެއް ނަގައި އެކާޑު ބޭނުންކޮށްގެން ވިޔަފާރިކޮށްފައިވާ މައްސަލައަކާ ގުޅިގެން ހޯދަން ބޭނުންވި ނަމަވެސް އެމީހާއަކީ ކާކުކަން ދެނެގަނެވިފައިނުވާ ކަމަށެވެ.

އެހެންކަމުން ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ މާފަންނު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9660183 އަށް ގުޅާ ހިއްސާ ކުރުމަށް ވަނީ އެދިފައެވެ.

މީގެ ކުރިން 2021 ވަނަ އަހަރު ވެސް މިފަދަ މައްސަލައެއްގައި މީހަކު ހޯދަން ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދިފައި ވެއެވެ. އެފަހަރު ހޯދަން އިއުލާންކުރީ އެ ކާޑު ބޭނުންކޮށްގެން ގިނަ އަދަދެއްގެ ފޯނު ގަތް މީހެކެވެ.

ކޭޝް ކާޑަކުން ވަގަށް ވިިޔަފާރި ކުރި މައްސަލައެއް ފެންމަތިވި އިރު، އޮޅުވާލައިގެން މަކަރާ ހީލަތުން މީހުންގެ އަތުން ފައިސާ ހޯދާ މައްސަލަތައް ވަނީ މި އަހަރު ވަރަށް ބޮޑަށް އިތުރުވެފަ އެވެ.