ދިވެހިރާއްޖޭގެ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްއާއި އޮސްޓްރޭލިއަން ބޯޑާ ފޯސް ކޮމާންޑާ ދެމެދު މަދަނީ ކަނޑުމަތީގެ ސަލާމަތާ (ސިވިލް މެރިޓައިމް ސެކިއުރިޓީ) ގުޅޭ ހާއްސަ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ މައިގަނޑު މަގްސަދަކީ ދެ ގައުމުގެ ދެމެދުގައި ގުޅިގެން ތަމްރީނު ޕްރޮގްރާމްތައް ހިންގުމާއި، ކަނޑުމަތީގެ ސަރަޙައްދުތައް ގުޅިގެން ޕެޓްރޯލްކުރުމުގެ އިތުރުން، ފަންނީ ތަޖުރިބާއާއި މައުލޫމާތު ބަދަލުކުރުމަށް ހަރުދަނާ އޮނިގަނޑެއް އެކުލަވާލުމެވެ. މިއީ ދެ ގައުމުގެ ކަނޑުގެ ސަލާމަތާބެހޭ އިދާރާތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

މި އެއްބަސްވުމުގެ ސަބަބުން އޮޕަރޭޝަނަލް ފެންވަރުގައި ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާވުމުގެ އިތުރުން މި ސަރަޙައްދުގެ ކަނޑުމަތީގެ ސަލާމަތަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކަށް އަވަސް އަދި ނަތީޖާ ނެރެދެނިވި ގޮތެއްގައި އިޖާބަދިނުމުގެ ގާބިލުކަން އިތުރުވެގެންދާނެ ކަމަށް ކަމާބެހޭ ފަރާތްތަކުން ފާހަގަކުރެއެވެ.

ރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު ދިފާއީ އަދި ސަލާމަތީ ރޮނގުން ގުޅުން ބަދަހިކުރުމަށް ފަހަކަށް އައިސް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެގޮތުން މިދިޔަ މަހު، ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމުގެ ގާބިލުކަން އިތުރުކުރުމަށްޓަކައި އޮސްޓްރޭލިއާ ސަރުކާރުން ވަނީ "ގާޑިއަން ކްލާސް" ޕެޓްރޯލް ބޯޓެއްވެސް ހަދިޔާކޮށްފައެވެ. މި އުޅަނދަކީ އޮސްޓްރޭލިއާގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އަދި ޑިފެންސް މިނިސްޓަރު ރިޗަޑް މާލްސް، 2025 ވަނަ އަހަރުގެ ޖޫން މަހު ދިވެހިރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ހަދިޔާކުރައްވާނެކަން އިއުލާންކުރެއްވި އުޅަނދެކެވެ.