ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ޝާއިއުކޮށްފައިވާ "ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމް" (އެންޕީއެމް)ގެ 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓަކީ ނިޒާމު އިސްލާހުކުރުމަށް ދީފައިވާ އިރުޝާދެއްކަމަށާއި، އެ ރިޕޯޓުގެ މަފްހޫމް އޮޅުވާނުލުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.

މި ރިޕޯޓާ ގުޅޭގޮތުން ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މުއައްސަސާތަކުގެ ޒިންމާދާރުކަން އިތުރުކުރުމަށާ ދެފުށް ފެންނަ ގޮތަށް ކަންކަން ހިންގުމުގައި މިނިވަން މުއައްސަސާތަކުން އަދާކުރާ މުހިންމު ދައުރު އަބަދުވެސް އެ ހިދުމަތުން ބަލައިގަންނަ ކަމަށެވެ.

ހާއްސަކޮށް "އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދަ ކޮންވެންޝަން އެގެއިންސްޓް ޓޯޗާ އެންޑް ދަ ކްރުއަލް އިން ހިއުމަން އޯ ޑީގްރޭޑިން ޓްރީޓްމަންޓް އޯ ޕަނިޝްމަންޓް" (އޮޕްޓެކް) ގެ ދަށުން ކުރިއަށްގެންދާ މޮނިޓަރިން މަސައްކަތްތަކަކީ އިންސާނީ ހައްގުތައް ހިމާޔަތްކުރުމަށް ގައުމީ ފެންވަރުގައި ދެވޭ ވަރަށް ބޮޑު އަހަންމިއްޔަތެއް ކަމަށް ފުލުހުން ފާހަގަކުރެއެވެ.

ފުލުހުން ވަނީ އެޗްއާރްސީއެމްގެ މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމަކީ މުޅި ނިޒާމަށް އަމާޒުކޮށްފައިވާ ކަންކަން ކަމަށާއި، މިއީ ހަމައެކަނި ވަކި މުއައްސަސާއަކަށް އެކަނި ދިމާވެފައިވާ ގޮންޖެހުންތަކެއް ނޫންކަމަށް ބުނެފައެވެ. އަދި ރިޕޯޓުގައިވާ ހޯދުންތަކަކީ ކަންކަން އިސްލާހުކުރުމަށް ދީފައިވާ އިރުޝާދުތަކަކާއި ލަފާތަކެއް ކަމަށާ އެއީ ގާނޫނީ ގޮތުން ކުށެއް ނުވަތަ ނުރަނގަޅު އަމަލެއް ހިންގާފައިވާކަން ކަނޑައަޅާ ނިންމުންތަކެއް ނޫންކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ނަމަވެސް މި ރިޕޯޓާ ގުޅޭގޮތުން ބައެއް މީޑިއާތަކުން ހަބަރު ފެތުރުމުގައި ބޭނުންކޮށްފައިވާ ބަސްމަގާއި މާނަކޮށްފައިވާ ގޮތާ މެދު ފުލުހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ރިޕޯޓުގެ އަސްލު މަގްސަދާއި އޭގައި ބަޔާންކޮށްފައިވާ ކަންކަމުގެ ފުންމިނަށް ބެލުމެއް ނެތި، މުއައްސަސާތަކަށް ކުރިމަތިވެފައިވާ ވަސީލަތްތަކުގެ ދަތިކަމާއި އޮޕަރޭޝަނަލް ގޮންޖެހުންތަކަށް ރިއާޔަތްނުކޮށް ހަބަރު ފަތުރާފައިވާކަން ފުލުހުން ފާހަގަކުރެއެވެ.

އެގޮތުން އެމްޓީޑީއެސްގައި ކަނޑައަޅާފައިވާ ކަންތައްތަކާ ސަރުކާރުގެ އަމަލުތަކާ ދިމާނުވާ ކަމަށާއި، ބަޖެޓު އެކުލަވައިލުމާއި ތަންފީޒު ކުރުމުގެ މަރުހަލާތަކުގައި ވެސް ސަރުކާރުން އަމަލުކުރަމުންދަނީ އެމްޓީޑީއެސް ފްރޭމްވޯކުގައި ކަނޑައަޅާފައިވާ ދަރަންޏަށް ފައިސާ ނެގުމާއި ބަޖެޓުގެ ލިމިޓުތަކާ ފުށޫއަރާ ގޮތަށްކަމަށް ބައެއް މީޑިއާތަކުގައި ވަނީ ރިޕޯޓުކޮށްފައެވެ.

މިކަމާ ގުޅިގެން ފުލުހުން ވަނީ އާންމުންނަށް ސައްހަ މައުލޫމާތު ފޯރުކޮށްދިނުމުގައި ކަންކަމުގެ އަސްލަށް ވާސިލުވެ ޒިންމާދާރުކަމާއެކު ހަބަރު ފެތުރުމަށް އިލްތިމާސްކޮށްފައެވެ. އަދި ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން އިސްލާހުކޮށް ހިދުމަތުގެ ފެންވަރު މަތިކުރުމަށް ޓަކައި އެޗްއާރްސީއެމްއާ ކަމާބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރުމުގައި ފުލުހުން ދެމިއޮންނާނެ ކަމުގެ ޔަގީންކަން ވެސް އެ ހިދުމަތުން ވަނީ ދީފައެވެ.