އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައިއޯޓީސީ) ގެ 30 ވަނަ ބައްދަލުވުން މިއަދު ރާއްޖޭގައި ރަސްމީކޮށް ފަށައިފިއެވެ.
މި މަހުގެ 4 އިން 15 އަށް ބާސެލޯ ނަސަންދުރައިގައި ކުރިއަށްދާ މި ބައްދަލުވުމަކީ އިންޑިއާ ކަނޑުގެ ސަރަހައްދުގެ ގައުމުތަކާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން 200 އަށްވުރެ ގިނަ މަންދޫބުންނާއި، މަސްވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރުންނާއި އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ މުހިންމު ބައްދަލުވުމެކެވެ.
ދެ ހަފުތާގެ މުއްދަތަށް ކުރިއަށްދާ މި ސިލްސިލާ މަޝްވަރާތައް މިއަދު ފަށާފައިވަނީ ކޮމްޕްލަޔަންސް ކޮމިޓީގެ ބައްދަލުވުމުންނެވެ. މިއީ އިންޑިއާ ކަނޑުގެ ސަރަހައްދާއި އެނޫންވެސް ސަރަހައްދުތަކުގެ މެންބަރު ގައުމުތަކާއި، އޮބްޒާވަރުން އަދި ކަމާގުޅުންހުރި އެކި ފަރާތްތައް ބައިވެރިވާ ފަންނީ އަދި ކޮމިޝަން ފެންވަރުގެ މަޝްވަރާތަކުގެ ފެށުމެކެވެ.
ކޮމްޕްލަޔަންސް ކޮމިޓީއަކީ މަސްވެރިކަން ހިމާޔަތްކުރުމާއި މެނޭޖްކުރުމަށް ކަނޑައަޅާފައިވާ ފިޔަވަޅުތައް ތަންފީޒުކުރެވޭ މިންވަރު މުރާޖައާކުރުމުގައާއި، މޮނިޓަރިން ކޮންޓްރޯލް އަދި ސަވައިލަންސް ނިޒާމު ހަރުދަނާކުރުމުގެ އިތުރުން، މި ސަރަހައްދުގެ ކަނޑުމަހުގެ މަސްވެރިކަމުގައި ދެފުށް ފެންނަ، ޒިންމާދާރު އުސޫލުތަކެއް ކުރިއެރުވުމުގައި މުހިންމު ދައުރެއް އަދާކުރާ ކޮމިޓީއެކެވެ.
އައިއޯޓީސީގެ 30 ވަނަ ބައްދަލުވުން ދިވެހިރާއްޖޭގައި ބޭއްވުމަށް ނިންމުމަކީ، ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށާއި، ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެއިން އަދާކުރާ ދައުރު އިތުރަށް ހަރުދަނާކުރުމަށް ލިބިގެންދާ މުހިންމު ފުރުސަތެކެވެ. މިއީ ރާއްޖޭގައި މި ކޮމިޝަނުގެ ބައްދަލުވުމެއް ބާއްވާ ފުރަތަމަ ފަހަރުކަން ފާހަގަކުރެވެއެވެ.
މިފަދަ މުހިންމު ފުރުސަތެއް ރާއްޖެއަށް ލިބިގެން މިދިޔައީ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިސްނަންގަވައިގެން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިންނެވެ. މި ބައްދަލުވުން ރާއްޖޭގައި ބޭއްވުމަށް ރައީސް މުއިއްޒު ނިންމެވީ މަސްވެރި ސިނާއަތަށް މިކަމުން ކުރާނެ ފައިދާއާއި މުހިންމުކަމަށް ރިއާޔަތްކުރައްވައެވެ. އަދި މި ބައްދަލުވުން ބޭއްވުމަށް ހުރިހާ ހަރަދެއް ސަރުކާރުން ކުރައްވާކަމީ މަސްވެރިކަމުގެ ދާއިރާއަށް ސަރުކާރުން ދޭ އިސްކަން ހާމަކޮށްދޭ ކަމެކެވެ.
އައިއޯޓީސީއަކީ އިންޑިއާ ކަނޑުގެ ކަނޑުމަހުގެ ބާވަތްތަކާއި، އެއާ ގުޅުންހުރި ދިރުންތައް ރައްކާތެރިކޮށް، ދެމެހެއްޓެނިވި އުސޫލުތަކުގެ ދަށުން އެ ވަސީލަތްތައް ބެލެހެއްޓުމުގެ ޒިންމާ އުފުލާ ސަރަހައްދީ މަސްވެރިކަމުގެ މައި އިދާރާއެވެ. މި ބައްދަލުވުން ރާއްޖޭގައި ބޭއްވުމުން، ސަރަހައްދީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި މަސްވެރިކަމުގެ ސިޔާސަތުތައް ކަނޑައެޅުމުގައި ރާއްޖޭގެ އިސްދައުރު އިތުރަށް ހާމަވެގެންދާނެއެވެ.
