ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މުޖުތަމައުގެ ކުރިއެރުމަށް ހިންގާ "ބޭންކް ފަންޑް" ކާމިޔާބުކުރި ފައުންޑޭޝަން އޮފް އޭދަފުށި ޔޫތު ލިންކޭޖް (ފޭލި) ޖަމިއްޔާގެ ފަރާތުން ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ވޮކޭޝަނަލް އެޑިއުކޭޝަން ލެބް ތަރައްގީކޮށް، ޒަމާނީ ޑިޖިޓަލް ސްޓޫޑިއޯއެއް މިއަދު ހުޅުވައިފިއެވެ.

2025 ވަނަ އަހަރުގެ ބޭންކް ފަންޑް ކާމިޔާބުކުރި "ފޭލި" ޖަމިއްޔާއިން މި މަޝްރޫއު ކުރިއަށް ގެންގޮސްފައިވަނީ ދަރިވަރުންގެ ޕްރެކްޓިކަލް ހުނަރުތަކާއި އުފެއްދުންތެރިކަން އިތުރުކޮށް، މަސައްކަތްތެރިކަމުގެ ދާއިރާއިން ބޭނުންވާ ޒަމާނީ ތަމްރީނުތައް ފޯރުކޮށްދިނުމުގެ މަގުސަދުގައެވެ.

މި މަޝްރޫއުގެ ދަށުން ބ. އަތޮޅު ތައުލީމީ މަރުކަޒުގައި އަލަށް ގާއިމުކުރި ޑިޖިޓަލް ސްޓޫޑިއޯއަކީ ޑިޖިޓަލް ކެމެރާތަކާއި ފުރިހަމަ ޕްރޮޑަކްޝަން ސެޓަޕަކާއެކު ފަރުމާކޮށްފައިވާ ތަނެކެވެ. މި ސްޓޫޑިއޯ މެދުވެރިކޮށް ދަރިވަރުންނަށް ފޮޓޯގްރަފީ، ވީޑިއޯގްރަފީ އަދި ޑިޖިޓަލް ކޮންޓެންޓް ކްރިއޭޝަން ފަދަ ދާއިރާތަކުން ހާއްސަ ތަމްރީނުތަކެއް ދިނުމަށް ވަނީ ރޭވިފައެވެ.

މީގެ އިތުރުން، އެ ސްކޫލުގައި ކުރިން ހިންގަމުން ދިޔަ ވޮކޭޝަނަލް ޓްރެއިނިން ލެބް ވަނީ މި މަޝްރޫއުގެ ދަށުން އިތުރަށް ތަރައްގީކޮށްފައެވެ. އެގޮތުން، ކާޕެންޓްރީއަށް ހާއްސަ ބައެއް ހިމަނައި، ވަޑާންކުރުމަށް ބޭނުންވާ ޒަމާނީ އާލާތްތަކާއި، ބެޓެރީ ޕަވާޑް އިލެކްޓްރިކް ޓޫލްސްގެ އިތުރުން ސަލާމަތީ އާލާތްތައް ވަނީ ފޯރުކޮށްދީފައެވެ. އަދި އަންހެން ދަރިވަރުންނަށާއި ފެހުމުގެ ދާއިރާއަށް ޝައުގުވެރިވާ ކުދިންނަށް ހާއްސަކޮށް، އާ ފަހާފޮށިތަކާއި ފެހުމަށް ބޭނުންވާ ސާމާނާއެކު ފެހުމުގެ ބައިވެސް ވަނީ އިތުރަށް ހަރުދަނާކޮށްފައެވެ.

މި ލެބްގެ ހަރަކާތްތަކުގެ ތެރެއިން ދަރިވަރުންގެ މަސައްކަތްތެރިކަން އިތުރުކުރުމަށް ބޭނުންވާ އެކި ތަމްރީނު ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

"ބޭންކް ފަންޑް" އަކީ ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ޖަމިއްޔާ ޖަމާއަތްތަކަށް މުޖުތަމައުގެ ކުރިއެރުމަށް އެކި ޕްރޮޖެކްޓްތައް ހިންގުމަށް ބީއެމްއެލްއިން ކޮންމެ އަހަރަކު ހުޅުވާލާ ފުރުސަތެކެވެ. މި ފަންޑުގެ ދަށުން ހޮވޭ އެންމެ ރަނގަޅު 5 ޕްރޮޖެކްޓަކަށް، ކޮންމެ ޕްރޮޖެކްޓެއް ހިންގުމަށް 200,000 ރުފިޔާގެ މާލީ އެހީތެރިކަން ބޭންކުން ފޯރުކޮށްދެއެވެ.