މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ)ގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކްޓިވް އޮފިސަރުގެ މަގާމަށް ގއ. ދެއްވަދޫ / ދޭލިޔާގެ، މުހައްމަދު އަނަސް އައްޔަންކޮށްފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑް (ޕީސީބީ)ން ބުނީ އަނަސް މި މަގާމަށް މިއަދުން ފެށިގެން އައްޔަންކޮށްފައިވާކަމަށެވެ. މި މަގާމަށް އައްޔަންކުރުމުގެ ކުރިން އަނަސް ހުންނެވީ ޕީސީބީގެ ރައީސްކަމުގެ މަގާމުގައެވެ. ނަމަވެސް އަނަސް ވަނީ އެ މަގާމުން މިއަދު އިސްތިއުފާ ދެއްވާފައެވެ.

އަނަސް އިސްތިއުފާ ދެއްވުމާއެކު އެ މަގާމަށް ވަނީ މުހައްމަދު ނިޒާރު އައްޔަންކޮށްފައެވެ.

އަނަސްއަކީ ސަރުކާރުގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައި ހުންނަވާ އަނަސް ވަނީ އެ މިނިސްޓްރީގެ ޑެބްޓް މެނޭޖްމަންޓް ޑިޕާޓްމަންޓް އިސްކޮށް ހިންގަވާ ގައުމީ ދަރަނި މެނޭޖުކުރުމުގެ ސިޔާސަތުތަކާއި ރިސްކް މެނޭޖްމަންޓް އޮނިގަނޑުތައް އެކުލަވާލުމުގައި މުހިންމު ދައުރެއް އަދާކުރައްވާފައެވެ.

މީގެއިތުރުން ދައުލަތުގެ ދަރަނި މެނޭޖުކުރުމުގެ ސްޓްރެޓެޖީތައް ފަރުމާކުރުމާ ދަރަންޏާ ގުޅޭ ބުލެޓިންތައް ތައްޔާރުކުރުމުގެ އިތުރުން ރާއްޖެއިން ސޮވެރިން ބޮންޑު ދޫކުރުމުގެ މަސައްކަތްތަކުގައިވެސް އަނަސް ވަނީ އިސްދައުރެއް އަދާކުރައްވާފައެވެ.

އަނަސް ވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އޮޑިޓް މެނޭޖަރުގެ މަގާމުވެސް ފުރުއްވާފައެވެ. އަދި މޯލްޑިވްސް ބިޒްނަސް ސްކޫލްގެ އެސޯސިއޭޓް ޕްރޮފެސަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާފައިވާ އަނަސްއަކީ ފިނޭންސް މިނިސްޓްރީގެ ޑެބްޓް މެނޭޖްމަންޓް ޑިވިޝަންގެ އެސިސްޓަންޓް ޑިރެކްޓަރުގެ މަގާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.

އަނަސް ވަނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީން މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައެވެ. އަދި އިނގިރޭސިވިލާތުގެ ޔުނިވަސިޓީ އޮފް ހާޓްފޯޑްޝަޔާއިން އެކައުންޓިން ދާއިރާއިން ފަސްޓް ކްލާސް އޮނާސްއާއެކު ބެޗްލާ އޮފް އާޓްސްވެސް އޭނާ ވަނީ ހާސިލުކުރައްވާފައެވެ.