ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ރައީސްގެ މަގާމަށް މުހައްމަދު ނިޒާރު އައްޔަނުކޮށްފިއެވެ.
ޕީސީބީގެ ރައިސް ކަމަށް ނިޒާރު އައްޔަންކޮށްފައި މިވަނީ އެ މަގާމުގައި ހުންނެވި މުހައްމަދު އަނަސް އިސްތިއުފާ ދިނުމާ ގުޅިގެންނެވެ. އެކަން ކަށަވަރުކޮށްދީ ޕީސީބީން ބުނީ، އެ ބޯޑުގެ ގެ ރައީސްގެ މަގާމުން މުހައްމަދު އަނަސް އިސްތިއުފާ ދީފައިވާތީވެ އެ އިސްތިއުފާ ގަބޫލުކޮށް، އެ މަގާމަށް މުހައްމަދު ނިޒާރު އައްޔަނުކޮށްފައިވާ ކަމަށެވެ.
މިދިޔަ އަހަރުގެ މާޗް މަހު އަނަސް އެ މަގާމަށް އައްޔަންކުރީ އޭރު ޕީސީބީގެ ރައީސްކަމުގައި ހުންނެވި ހަމްދީ އަގީލް މަގާމުން ވަކިކުރުމުންނެވެ. އަނަސް އަކީ އެމްއެންޔޫ އިން މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. ފިނޭންސްގެ ނައިބުކަމުގެ އިތުރުން އެޗްޑީސީގެ މެނޭޖަރުކަމާއި މޯލްޑިވްސް ބިޒްނަސް ސްކޫލުގެ އެސޯސިއޭޓް ޕްރޮފެސާކަންވެސް އޭނާ ވަނީ ކުރައްވާފައެވެ.
މި މަގާމަށް އަލަށް އައްޔަން ކުރެއްވި ނިޒާރަކީ ބައިނަލްއަގްވާމީ ވިޔަފާރި، ކޯޕަރޭޓް މެނޭޖްމަންޓް އަދި ދައުލަތުގެ އިދާރާތައް ހިންގުމުގެ ދާއިރާއިން 30 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އަދި ހަމަ އެހެންމެ އޭނާއަކީ ދައުލަތުގެ ކުންފުނިތައް ކޯޕަރަޓައިޒް ކުރުމާއި، އެ ކުންފުނިތަކުގެ ހިންގުން މޮނިޓަރކޮށް ބެލެހެއްޓުމުގެ ފަންނީ މާހިރެއްވެސް މެއެވެ.
މީގެ ކުރިން 2014 އިން 2019 އަށް ވެސް ނިޒާރު ވަނީ ޕީސީބީ ގެ ރައީސްކަމުގެ މަގާމު ފުރުއްވާފަ އެވެ. އަދި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގައި 20 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވުމުގެ އިތުރުން ވެސް އޭނާ ވަނީ މޯލްޑިވްސް ގޭސް ޕްރައިވެޓް ލިމިޓެޑް އަދި މޯލްޑިވްސް ސްޓްރަކްޗަރަލް ޕްރޮޑަކްޓްސް ޕްރައިވެޓް ލިމިޓެޑް ފަދަ ކުންފުނިތަކުގައި މަސައްކަތް ކުރައްވާފައެވެ.
މުޙައްމަދު ނިޒާރަކީ ޔުނިވާސިޓީ އޮފް ސައުތު އޮސްޓްރޭލިއާއިން މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (MBA) އަދި ގްރެޖުއޭޓް ސެޓްފިކެޓް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.
ޕީސީބީ އަކީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވެޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި މޮނިޓަކޮށް، އިވެލުއޭޓް ކުރުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ބޯޑެކެވެ.
