ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ސަރުކާރު ހިންގާ ޕީއެންސީން ވާދަކުރާނީ ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރުގެ މަގާމުގައި ހުންނެވި އަހުމަދު ސައީދު (ސޮޑާ) ކަމަށް ނިންމައިފިއެވެ.
މި ނިންމުން ހާމަކޮށްފައި ވަނީ މިއަދު މެންދުރު ފަހު ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ ނައިބު ރައީސް އަހްމަދު ޝިޔާމް ވިދާޅުވީ، ބައި އިލެކްޝަނާ ގުޅިގެން ޕީއެންސީން ބޭއްވި ޕްރައިމަރީގައި ވާދަކޮށް ކާމިޔާބު ހޯދި އެ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ސިނާނު ވަނީ ރޭގެ ވަގުތެއްގައި ބައި އިލެކްޝަނުގައި ވާދަނުކުރަން ނިންމާފައި ކަމަށެވެ. އަދި ޕީއެންސީން ކަނޑައަލާ ކެންޑިޑޭޓަކާއެކު ކުރިއަށް ވަޑައިގަންނަވާނެ ކަމަށާއި ޕީއެންސީއާއެކުގައި އަދިވެސް ސިނާން ހުންނަވާނެ ކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
އެގޮތުން ސިނާން ވާދަނުކުރައްވަން ިންމެވުމާއެކު ދެން ޕީއެންސީ ޓިކެޓުގައި ވާދަކުރާނީ ބައި އިލެކްޝަންގެ ޕީއެންސީ ޕްރައިމަރީގައި ސިނާނާއެކު ވާދަކުރި ކެންޑިޑޭޓް އަހުމަދު ސައީދު (ސޮޑާ) ކަމަށް ނިންމާ އެކަން ޝިޔާމް އިއުލާން ކުރެއްވިއެވެ. އަދި މި ނިންމުން ޕީއެންސީން ނިންމީ މިއީ އެންމެ ރަނގަޅު ގޮތް ކަމުގައި ދެކިގެން ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.
ސައީދަކީ އާ ބޭފޫލެއް ނޫން ކަމަށާއިމިހާރު ވެސް ކައުންސިލުގައި ހިދުމަތް ކުރައްވަމުން އަންނަ އެއީ ވަރަށް ހިދުމަތްތެރި ބޭފުޅެއްގެ ގޮތުގައި ޝިޔާމް ވިދާޅުވިއެވެ. އެގޮތުން ހިތަދޫ އުތުރު ދާއިރާގައި ތިބި ޕީއެންސިއަށް ސަޕޯތްކުރާ ހުރިހާ ޕަރާތްތަކުން ވެސް ސައީދަށް ތާއިދު ކުރުމަށާއި އަދި ޕީއެންސީގެ ކެންޑިޑޭޓް ހޮވުމަށް މަސައްކަތް ކުރުމަށް ޝިޔާމް ވަނީ ގޮވާލައްވާފައެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވިކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅީ މި މަހުގެ 12 ވަނަ ދުވަހުއެވެ. އަމިއްލަ ފަރާތަކުން ހުށަހެޅި މައްސަލައަކާ ގުޅިގެން، ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު ރިޔާސަތު ބެލެހެއްޓެވި ފަސް ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުން ކުރި ހުކުމުގައި ބަޔާންކޮށްފައިވަނީ، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނަކާ ގުޅިގެން ސާބިތުވެފައިވާ ދަރަންޏެއް، ކޯޓުގެ ހުކުމާ އެއްގޮތަށް ސިނާން ދައްކަވަމުން ގެންގޮސްފައި ނުވާކަމަށެވެ. ގާނޫނުއަސާސީ ބުނާގޮތުން، ސާބިތު ދަރަންޏެއް އޮވެ، އެ ފައިސާ ހުކުމާ އެއްގޮތަށް ނުދައްކާނަމަ މެންބަރުކަމުގެ ޝަރުތު އުނިވާނެއެވެ.
2024 ވަނަ އަހަރުގެ އޭޕްރިލް މަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސިނާން މި ގޮނޑި ކާމިޔާބުކުރެއްވީ، ވިހި އަހަރު ވަންދެން އެ ގޮނޑި ފުރުއްވަމުން ގެންދެވި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އިސް ސަފުގައި ހަރަކާތްތެރިވާ މުހައްމަދު އަސްލަމް ބަލިކުރެއްވުމަށްފަހުއެވެ. އެހެންކަމުން، އެމްޑީޕީން ވެސް ދަނީ މި ގޮނޑި އަނބުރާ ހޯދުމަށް ވަރުގަދަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެމްޑީޕީގެ ފަރާތުން އަހްމަދު ސޯދިގު ވަނީ މި އިންތިހާބުގައި ވާދަކުރައްވާނެކަން ހާމަކުރައްވާފައެވެ.
