އިންޑިއާގެ އޮޑިއްސާގެ ކިއޮންޖްހާރުގައި ހުރި ބޭންކެއްގައި އޮންނަ ވާރިސެއްގެ އެކައުންޓުން ފައިސާ ނަގަން ދިޔަ ޖީތޫ މުއްދާ (ކޮއްކޮ) އަށް ބޭންކުން ފައިސާ ދޫނުކުރުމުން މަރުވެފައި އޮތް އެކައުންޓުގެ ވެރިފަރާތް ކަމުގައިވާ ޖީތޫގެ ދައްތަގެ ހަށިގަނޑު ކޮނޑަށް ލައިގެން ބޭންކަށް ދިޔަ ހާދިސާއެއް ހިނގައިފިއެވެ.
މި ފައިސާ ޖީތޫއަށް މިހާރު ދޫކޮށްފައި ވާ އިރު، ބޭންކުން ބުނަނީ ފައިސާ ދޫކުރުމަށްޓަކައި އެކައުންޓްގެ ވެރިފަރާތް ގެންނަން ބުނެފައި ނުވާނެ ކަމަށެވެ.
ނަމަވެސް މިހާދިސާ ހިނގިގޮތާ ބެހޭގޮތުން ޖީތޫ ދައްކާފައި ވާ ބައެއް ވާހަކަތައް އިންޑިއާގެ ބައެއް މީޑިއާގައި ގެނެސްދީފައިވާ އިރު އޭނާ ބުނަނީ ބޭންކް އެކައުންޓަކީ މަރުވެފައިވާ ދައްތަގެ ނަމުގައި އޮތް އެކައުންޓެއް ކަމަށާއި އާއިލާގެ ހުރި ހަމައެކަނި ވާރިސަކީ ޖީތޫ ކަމަށެވެ. އަދި ބޭންކަށް ދިޔައީ 20،000 ރުޕީސް ނުވަތަ 200 ޑޮލަރު ނަގަން ކަމަށާއި، ބޭންކުން ބޭނުންވީ އެކައުންޓްގެ ވެރިފަރާތް ހާޒިރު ކުރަން ކަމަށެވެ.
ޖީތޫއަށް ގޮތް ހުސްވުމުން، ސަހަރާއަށް ގޮސް ދައްތަގެ ގަބުރު ކޮނެގެން ހަށިގަނޑު ނަގާ ގޯންޏަކަށް ލައިގެން ގޮނޑުމަތީގައި ބާއްވައިގެން ބޭންކަށް ދިޔައެވެ. އޭނާ ބޭންކަށް ދާ މަންޒަރު ސޯޝަލްމީޑިއާގެ އެކިއެކި ޕްލެޓްފޯމްތަކުގައި އާންމު ކޮށްފައި ވާ އިރު ފުލުހުން ބުނެފައި ވަނީ، އެކަން ތަހުގީގު ކުރެވިފައިވާ ކަމަށާއި ޖީތޫ އަކީ އެކައުންޓްގެ ވެރިފަރާތުގެ ހަމައެކަނި ހުރި ވާރިސު ކަމަށެވެ. އަދި އޭނާއަށް ބޭންކުން ފައިސާވެސް މިހާރު ދޫކޮށްފި ކަމަށާއި، އިތުރު އެހީއެއްގެ ގޮތުގައި ރެޑްކްރޮސް ފަންޑުން 30،000 ރުޕީސްވެސް ހަމަޖައްސައިދީފައި ވާ ކަމަށެވެ.
މިހާރު ފުލުހުންގެ ހާޒިރުގައި ގެންގޮސް އެހަށިގަނޑު އަލުން ވަނީ ވަޅުލާފައެވެ.
މި މައްސަލައިގައި ބޭންކަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވުމުން ބޭންކުން ބުނީ ކަށިގަނޑު ގެންނަން ނުބުނާ ކަމަށާއި އެކައުންޓްގެ ވެރިފަރާތް ނޫން އެހެން ފަރާތަކަށް ފައިސާ ދޫކުރުމަށްޓަކައި އޮންނަ ހަމަތައް ޖީތޫއަށް ކިޔައިދިން ކަމަށެވެ. އަދި އެކައުންޓްގެ ވެރިފަރާތަކީ އޭނާގެ ވާރިސު ކަމުން، ވެރިފަރާތް މަރުވެފައިވާ ނަމަ އެކަން ސާބިތުކޮށްދިނުމަށްޓަކައި މަރުގެ ސެޓްފިކެޓް ނުވަތަ އެކަން ސާބިތުވާނެ ލިޔުންތައް ގެނެސްދޭން އެދިފައިވާ ކަމަށެވެ.
ނަމަވެސް ޖީތޫ ދިޔައީ މީގެ ދުވަސްކޮޅެއްގެ ކުރިން މަރުވުމުން ވަޅުލި އޭނާގެ ދައްތަ ކަލާރާ މުންދާގެ ހަށިގަނޑު ކޮނޑަށްލައިގެންނެވެ.
