ރާއްޖޭގެ ރަށްތަކަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި، މިހާރު ބޭނުންކުރާ ބޮޑުހިލައިގެ ބަދަލުގައި ތިމާވެއްޓާ ރައްޓެހި އަދި ހަރަދުކުޑަ ގޮތްތަކެއް ހޯދުމުގެ މަސައްކަތް ސަރުކާރުން ފައްޓަވައިފިއެވެ.

މިކަން ހާމަކުރެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، މިނިސްޓާ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ އަލީ ޝަރީފެވެ.

މިނިސްޓަރު ވިދާޅުވީ، ރަށްގިރުމުން ރައްކާތެރިވުމަށް ޒަމާނުއްސުރެ ރާއްޖޭގައި ބޭނުންކުރަމުން އަންނަނީ ބޮޑުހިލަ ޖެހުމުގެ އުސޫލު ކަމަށާއި، ނަމަވެސް މިއީ އިންތިހާއަށް އަގުބޮޑު މަސައްކަތެއް ކަމަށެވެ. އެގޮތުން މީގެ ހައެއްކަ އަހަރު ކުރިން ކުރި ދިރާސާތަކަށް ބަލާއިރު، މޮބިލައިޒޭޝަން ކޯސްޓާއެކު ބޮޑުހިލައިގެ އެންމެ ލީނިއާ މީޓަރެއް ޖެހުމަށްވެސް 6،000 އާއި 7،000 އާ ދެމެދުގެ ޑޮލަރު ހަރަދުވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. މިއީ ވަރަށް ބޮޑު ހަރަދެއްކަމަށް ފާހަގަކުރައްވާ، މިހާރު މިއޮތް އިންފްލޭޝަނާއެކު މި އަދަދުތައް އަދި މިއަށްވުރެވެސް ބޮޑުވުން އެކަށީގެންވާކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، މިކަމަށް އޮތް ބަދަލެއްގެ ގޮތުން 'ނޭޗާ ބޭސްޑް ސޮލިއުޝަންސް' ނުވަތަ ގުދުރަތީ ނިޒާމުތަކުގެ އެހީގައި ގޮނޑުދޮށް ހިމާޔަތްކުރެވޭނެ ގޮތްތައް ދެނެގަތުން މުހިންމުކަމަށެވެ. އަދި އިމާރާތްކުރުމުގެ ދާއިރާއިން އުފެދޭ ކުނި ބޭނުންކޮށްގެން ގޮނޑުދޮށް ހިމާޔަތްކުރެވޭނެ ގޮތްތަކާ ގުޅޭގޮތުންވެސް ދިރާސަކުރުން މުހިންމުކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އިސްކަންދެއްވަނީ ރާއްޖޭގެ ނާޒުކު ތިމާވެއްޓާ ގުޅޭ، ދެމެހެއްޓެނިވި އަދި އިގްތިސާދީ ގޮތުން ފައިދާހުރި ގޮތްތަކެއްގެ މަތިން ރަށްތައް ހިމާޔަތްކުރުމަށެވެ. މި މަސައްކަތުގެ ދަށުން، ތިމާވެއްޓާ ރައްޓެހި އީޖާދީ ހައްލުތައް ހޯދުމަށް ބޭނުންވާ ފަންނީ އަދި މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާއެކު މިހާރު ވަނީ ނިންމަވާފައެވެ.