ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވެފައިވާ ބިން ހަލާކުވުމާއި ގިރުމުގެ މައްސަލަތައް ހައްލުކުރުމަށްޓަކައި، ބައިނަލްއަގްވާމީ މާލީ ނިޒާމުގެ ތެރެއިން ހާއްސަ އެހީތެރިކަމެއް ފޯރުކޮށްދޭންޖެހޭ ކަމަށް މިނިސްޓާ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ އަލީ ޝަރީފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރުު މިހެން ވިދާޅުވީ، އދ. ގެ މުއާހަދާ، ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން ޓު ކޮމްބެޓް ޑެޒަޓިފިކޭޝަން (ޔޫއެންސީސީޑީ) ގެ ކޮޕް17 ގެ ހައި-ލެވެލް ސެގްމަންޓުގެ 'ފައިނޭންސް ޑޭ' ގައި ތަގުރީރު ކުރައްވަމުންނެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓާ އަލީ ޝަރީފް ފާހަގަކުރެއްވި ގޮތުގައި، ދިވެހިރާއްޖެ ފަދަ ޖަޒީރާ ގައުމުތަކުގެ ބިމަށް ލިބޭ ގެއްލުންތަކަކީ ހަމައެކަނި ހަނަފަސް ބިންތަކަށް ހާއްސަކޮށްފައިވާ އޮނިގަނޑުތަކުގެ ތެރެއިން އެކަށީގެންވާ ގޮތެއްގައި ހައްލުކުރެވޭނެ ކަންކަމެއް ނޫނެވެ.

މިނިސްޓަރުުގެ ވާހަކަފުޅުގައި، ރާއްޖެ ފަދަ ބިން ތިރި ގައުމުތަކުގައި ގޮނޑުދޮށް ގިރުމާއި، ބިމުގެ ފެން ފަށަލައަށް ލޮނުއެޅުމުގެ ސަބަބުން ބިން ހަލާކުވުމަކީ ނުރައްކާތެރި މިންވަރަކަށް އިތުރުވަމުންދާ މައްސަލަތަކެއް ކަމުގައި ވިދާޅުވިއެވެ. އަދި ބިން ހަލާކުވުމަށް މެދުވެރިވާ މިފަދަ ބޮޑެތި ސަބަބުތަކެއް ހުރި ނަމަވެސް، މިހާރު ހަމަޖެހިފައިވާ ބައިނަލްއަގްވާމީ މާލީ އޮނިގަނޑުތަކުގައި މިފަދަ ކަންކަމަށް މާބޮޑު ސަމާލުކަމެއް ދެވިފައި ނުވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ގޮނޑުދޮށްތަކާއި ބިންތައް ހަލާކުވަމުންދާ މައްސަލައިގެ ނާޒުކުކަމާއި އަވަސް ހައްލެއް ބޭނުންވާ މިންވަރު ބައިނަލްއަގްވާމީ މުޖުތަމަޢުން ބަލައިގަންނަންޖެހޭ ކަމަށް މިނިސްޓާ ވިދާޅުވިއެވެ. އަދި ކުދި ޖަޒީރާ ގައުމުތަކަށް (ސިޑްސް) ފަސޭހައިން ލިބޭނެ ފަދަ އަދި އެ ގައުމުތަކުގެ ބޭނުންތަކަށް އިޖާބަދޭނޭ މާލީ ނިޒާމުތަކެއް ކަށަވަރުކުރުމަށް ގޮވާލެއްވިއެވެ.

މިނިސްޓާުގެ ވާހަކަފުޅު ނިންމަވާލައްވަމުން، ޖަޒީރާ ގައުމުތަކުގެ ހާއްސަ ޙާލަތްތަކާ ގުޅޭގޮތަށް ފަރުމާކުރެވިފައިވާ 'ބްލޫ-ގްރީން' ފައިނޭންސްގެ ވަސީލަތްތައް ފުޅާކުރުމަކީ މިފަދަ ގޮންޖެހުންތަކުން އަރައިގަތުމަށް އޮތް އެންމެ މުހިންމު އެއް ހައްލު ކަމުގައި ވަނީ ފާހަގަކުރައްވާފައެވެ.