ދިވެހިރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ވަރަށް ފުޅާދާއިރާއެއްގައި އޮތްކަމަށް ގަބޫލުކުރައްވާ ކަމަށް އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާ ބެހޭ މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ. މިނިސްޓަރު ސައީދު ވިދާޅުވީ، ނޫސްތަކުން ބޭނުންވާ ވާހަކައެއް ބޭނުން އެއްޗެއް ލިޔެ، ހަބަރުތައް ގެނެސްދިނުމުގެ ފުރުސަތު މިއަދު ރާއްޖޭގައި އޮތްކަން ފާހަގަކުރެވޭ ކަމަށެވެ.
ނަމަވެސް، މިނިވަންކަމާއެކު ޒިންމާދާރުކަން އިސްކުރުމަކީ މުހިންމު ކަމެއްކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ކޮންމެ މީހެއްގެވެސް ހައްގުތަކެއް އޮންނާނެ ކަމަށާއި، ހަބަރު ގެނެސްދޭ ފަރާތާއި ނޫހުގެ ހައްގު އޮންނަ މިންވަރަށް، އެ ހަބަރެއް ރައްދުވާ އިންސާފުވެރި މީހާގެ ހައްގުތަކަށްވެސް އިހުތިރާމްކުރަން ޖެހޭނެ ކަމަށެވެ.
މި ބައްދަލުވުމުގައި މިނިސްޓަރު ވަނީ ބައެއް ނޫސްތަކުން، ޚާއްސަކޮށް 'އަދަދު' ނޫސް ފަދަ ބައެއް ވަސީލަތްތަކުން، ލިޔާ މީހާ ނޭނގޭ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އާއިލާއަށް އަމާޒުކޮށް ފަތުރަމުންދާ ވާހަކަތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ. މިނިސްޓަރު ވިދާޅުވީ އެފަދަ އަމަލުތައް ހިންގާ ފަރާތްތަކަކީ ރާއްޖޭގެ ނޫސްވެރިންގެ ތެރޭގައި ގުނަންޖެހޭނެ ބައެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
މީގެ އިތުރުން، ރާއްޖެއަކީ މުސްލިމް ގައުމަކަށް ވީހިނދު، އެކަކު އަނެކަކަށް އިހުތިރާމް ކުރުމުގެ ސިފަ އަށަގަންނަންޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އިޖުތިމާއީ، އިގްތިސާދީ ނުވަތަ އުމްރާނީ ގޮތުން ދިމާވާ އެކި މައްސަލަތަކާ ގުޅޭގޮތުން ވާހަކަދެއްކުމުގެ މިނިވަން ފުރުސަތު އޮތްކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
