އަދަދު ނޫހުގެ މެނޭޖިން އެޑިޓަރު ހަސަން މުހައްމަދު (ހަސަނާ)ގެ ޕާސްޕޯޓު ވެސް ހިފަހައްޓައިފިއެވެ.
އަދަދު ނޫހުން ގެނެސްދިން "އައިޝާ" ޑޮކިއުމެންޓްރީއާ ގުޅިގެން ފުލުހުން ބަލަމުންދާ މައްސަލައިގައި ކޯޓު އަމުރަކާ އެކު އެ ނޫހުގެ އޮފީހަށް ވަދެ ފުލުހުން ވަނީ އެ އޮފީހުގައި ހުރި އިލެކްޓްރޯނިކް ސާމާނުތައް ރޭ ދަންވަރު ގެންގޮސްފައެވެ.
އެ ޑޮކިއުމެންޓްރީގެ މައްސަލައިގައި އަދަދު ނޫހުގެ ސީއީއޯ އަދި ޗީފް އެޑިޓަރު ހުސައިން ފިޔާޒް މޫސާގެ ޕާސްޕޯޓު ހިފަހައްޓާފައިވާއިރު، މި މައްސަލައިގައި ހަސަނަށް ފޮނުވި ކޯޓު އަމުރުގައި ވަނީ އޭނާ ރާއްޖޭން ފުރައިގެން ބޭރަށް ދާން އުޅޭ ކަމަށް ތުހުމަތުކޮށްފައެވެ. އަދި އޭނާ ފުރުން މަނާކޮށްފައި ވަނީ ރެއިން ފެށިގެން ޖުލައި 26، ގެ ނިޔަލަށް އެއް މަހުގެ މުއްދަތަކަށެވެ.
ރައީސް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަދަދު ނޫހުގެ ނޫސްވެރިޔާ ވަނީ ރަމަޟާން މަހު އާންމު ވެގެން ދިޔަ އޭއައި ބޭނުންކޮށްގެން ޖެނެރޭޓްކޮށްފައިވާ ވީޑިއޯ އަކީ އެ ނޫހަށް ލިބިފައިވާ ހެއްކާ އެކު އުފައްދާފައިވާ ޑޮކިއުމަންޓްރީއެއް ކަމަށް ބުނެފައެވެ. އަދި އެ ޑޮކިއުމަންޓްރީގައި އެމަނިކުފާނަށް ތުހުމަތު ކުރެވޭ ކަންކަމާ ގުޅުވާ ވަނީ ސުވާލު ކޮށްފައެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ، އެ ނޫހަކުން އެމަނިކުފާނާ ގުޅުވައިގެން ދާދިފަހުން ނެރުނު ވީޑިއޯ ޑޮކިއުމަންޓްރީއަކީ އެއްވެސް އަސާސެއް ނެތް، ހަގީގަތާ ހިލާފު ދޮގު މައުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށްފައިވާ އެއްޗެއް ކަމަށެވެ. އެ ވީޑިއޯގައި އެމަނިކުފާނަށް އަމާޒުކޮށްފައިވާ ތުހުމަތުތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެފަދަ ދޮގު މައުލޫމާތު ފެތުރި ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ކަމާބެހޭ ފަރާތްތަކުގައި އެދިވަޑައިގަންނަވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
