ޓެކްސީ ދަތުރުތަކުގެ އަގަށް ބަދަލު ގެންނާނީ އެކަމާ ގުޅޭގޮތުން ހުރިހާ ފަންތިއެއްގައި މަޝްވަރާކުރުމަށްފަހު ކަމަށް އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާ ބެހޭ މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ޓެކްސީ އަގުތަކާ ގުޅޭގޮތުން ޑްރައިވަރުންގެ ކަންބޮޑުވުންތައް އެމަނިކުފާނާ ހިސާބަށް އައިސްފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިފައިވާއިރު، މީގެ އަސަރު ރާއްޖޭގެ ބާޒާރަށްވެސް ކޮށްފައިވާކަމަށެވެ. އަދި މިކަމާ ގުޅިގެން ޓެކްސީ ޑްރައިވަރުން ވަނީ ދަތުރުތަކުގެ އަގު ބޮޑުކޮށްދިނުމަށް އެދިފައެވެ.
މިނިސްޓަރު ސައީދު ވިދާޅުވީ ދަތުރުފަތުރުގެ ދާއިރާއާ ހަވާލުވެވަޑައިގަތުމަށްފަހު، މި މައްސަލައިގައި ޑްރައިވަރުންގެ ފަރާތުން ސިޓީތައް ލިބިވަޑައިގެންފައިވާ ކަމަށެވެ. ނަމަވެސް މިކަމުގައި ގޮތެއް ނިންމާނީ މަޝްވަރާ ކުރަން ޖެހޭ ފަރާތްތަކާއެކު މަޝްވަރާކޮށް ނިންމުމަށްފަހުކަމަށެވެ.
އިގްތިސާދީ ވުޒާރާއާއި ދަތުރުފަތުރާ ބެހޭ ވުޒާރާގެ މަސައްކަތްތައް އެއްކޮށްލުމުގެ މައިގަނޑު އެއް ބޭނުމަކީ ދާއިރާގައި ހުރި މައްސަލަތައް ހައްލުކޮށް ހިންގުން ހަރުދަނާކުރުން ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. މިގޮތުން ދަތުރުފަތުރުގެ ދާއިރާގެ ހިދުމަތްތައް އޮންލައިންކޮށް، އަވަސްކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. މިސާލެއްގެ ގޮތުން ހަތަރު ފުރޮޅުލީ އުޅަނދު ރަޖިސްޓްރީކުރުމަށް މިހާރު ނަގާ ދިގު މުއްދަތު ކުޑަކުރުމުގެ މުހިންމުކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ޓެކްސީ ގަވާއިދާއި ދަތުރުފަތުރާ ގުޅޭ އެހެނިހެން ގަވާއިދުތައް ތަންފީޒުކުރުމުގައި ހުރި ގޮންޖެހުންތަކަށް އަލިއަޅުވާލައްވަމުން މިނިސްޓަރު ވިދާޅުވީ، ގަވާއިދުގައި ކަމެއް ކުރަން އޮތްނަމަ އެކަން ތަންފީޒުކުރަންޖެހޭނެ ކަމަށާއި، ގައުމީ ފެންވަރުގައި ހުރި މައްސަލަތަކަށް ހައްލު ހޯދުމަށް ރާއްޖޭގެ ހުރިހާ ސިޓީތަކަކާއެކު ކޮންސަލްޓޭޝަން ބައްދަލުވުންތައް ބާއްވާނެ ކަމަށެވެ.
