ފުލުހުންގެ ހިދުމަތުގައި އަންހެނުން އިތުރުވުމަކީ ހަމައެކަނި މިންތީގެ ހަމަހަމަކަން ގާއިމުކުރުން ނޫންކަމަށާއި، މިއީ އަމަން ބެލެހެއްޓުމުގެ މަސައްކަތަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއްކަމަށް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިފަދައިން ވިދާޅުވީ، 2026 އިން 2028 އަށް އައްޔަންކުރެއްވި "މޯލްޑިވްސް ވިމެން އިން ޕޮލިސިން" ކޮމިޓީ އިފްތިތާހްކޮށްދެއްވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ، ވާހަކަފުޅުދައްކަވަމުންނެވެ.
އިސްކަންދަރު ކޮށީގައި ރޭ އޮތް ރަސްމިއްޔާތުގައި ސާޖިދާ ވިދާޅުވީ މިއަދަކީ، ދިވެހި ފުލުހުންގެ ހިދުމަތުގެ ތާރީހުގައި އަންހެނުންގެ ދައުރު އިތުރަށް ހަރުދަނާކޮށް، ކުރިމަގުގެ ތަސައްވުރު ވަރުގަދަ ކުރުމަށް މުހިންމު ފިޔަވަޅެއް އަޅާ ދުވަހެއްކަމުގައެވެ. އަދި ހަނދާންކުރަންޖެހޭ ހަގީގަތަކީ، މި މަންޒިލަށް އާދެވުނީ، ގިނަ ގޮންޖެހުންތަކެއް ކަޑައްތު ކޮށްފައިކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
ފުލުހުންގެ ހިދުމަތުގައި އަންހެނުން އިތުރުވެ، އަންހެން އޮފިސަރުންގެ ބައިވެރިވުން ބޮޑުވުމަކީ، މުޖުތަމައުގައި އާންމު އިތުބާރާއި އެއްބާރުލުން އިތުރުވެ، ހާއްސަކޮށް ޖިންސީ އަނިޔާއާއި ގެވެށި އަނިޔާ ފަދަ ނާޒުކު އަދި ހައްސާސް މައްސަލަތަކަށް ދެވޭ އިޖާބަ ހަރުދަނާވެގެންދާ ކަމެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ. ހަމަމިއާއެކު، އިތުރު އަންހެނުން މި ދާއިރާއަށް ޝައުގުވެރިކުރުވައި، އެކަނބަލުންނަށް ވަޒީފާގައި ދެމިތިއްބެވޭނެ ފަދަ އާއިލީ ޒިންމާތަކާ އެކަށޭނަ ދެމެހެއްޓެނިވި ސިޔާސަތުތަކެއް ތަންފީޒު ކުރުމާއި، ހަމައެކަނި އިދާރީ މަސައްކަތްތަކުގައި އަންހެނުން ދެމިތިބުމުގެ ބަދަލުގައި، ފްރަންޓްލައިން އޮޕަރޭޝަންތަކުގައްޔާއި މައްސަލަތައް ތަހުގީގު ކުރުމުގައްޔާއި، ޓެކްނިކަލް ދާއިރާތަކުން އަންހެން އޮފިސަރުންގެ ގާބިލުކަން އިތުރުކުރެއްވުމަށް ހާއްސަ އިސްކަމެއް ދިނުމަށް ސާޖިދާ ވަނީ ގޮވާލައްވާފައެވެ.
ރާއްޖޭގެ އެކި ދާއިރާތަކުގައި ހާއްސަކޮށް، ތައުލީމީ ދާއިރާގައްޔާއި، ސިއްހީ ދާއިރާގައި ވަޒީފާއަދާކުރަމުން ގެންދާ ނުވަތަ މަސައްކަތް ކުރަމުން ގެންދާ އަންހެނުންގެ އަދަދު ނިސްބަތުން މަތި ނަމަވެސް، ދިވެހި ފުލުހުންގެ ތެރޭގައި ހިދުމަތް ކުރަމުންގެންދާ އަންހެނުންގެ އަދަދު ނިސްބަތުން މަދުކަން ސާޖިދާ ފާހަގަކުރެއްވިއެވެ. އަދި މިކަމާދޭތެރޭގައި ވަރަށް ފުޅާ ދާއިރާއެއްގައި ވިސްނާ، ދިވެހި އަންހެން ފުލުހުން އިތުރު ކުރެއްވުމަށް ދިވެހި ފުލުހުންގެ ހިދުމަތުންނާއި، މޯލްޑިވްސް ވިމެން އިން ޕޮލިސިން އިންވެސް ހާއްސަ އަހައްމިއްޔަތުކަމެއް ދިނުމަށް މަސައްކަތްތަކެއް ކޮށްދިނުމަށް ސާޖިދާ ވަނީ އިލްތިމާސްކުރައްވާފައެވެ.
ދިވެހި ފުލުހުންގެ ހިދުމަތަކީ، ދިވެހިރާއްޖޭގެ އަމާންކަމާއި ރައްކާތެރިކަމުގެ މައިބަދަކަމާއި، ރައްޔިތުންނާ ގާތުން ހިދުމަތް ދިނުމަށް އިހްލާސްތެރިކަމާއެކު ގާނޫނީ ސިޔާދަތު ދެމެހެއްޓެވުމުގައި ފުލުހުން އަދާކުރަމުންދާ ދައުރަކީ، އަންނަން އޮތް ޖީލުތަކަށް އަމާން އަދި ފާގަތި މުސްތަގުބަލެއް ފޯރުކޮށްދިނުމަށްޓަކައި ކުރާ މަތިވެރި ގައުމީ ހިދުމަތެއްކަން، ސާޖިދާ ވަނީ ފާހަގަކުރައްވާފައެވެ.
މޯލްޑިވްސް ވިމެން އިން ޕޮލިސިން 3 ވަނަ ދައުރުގެ ކޮމިޓީ ރޭ އިފްތިތާހްކުރެވިގެންދިޔައިރު، ނިމިގެން ދިޔަ ކޮމިޓީގެ 2 ވަނަ ދައުރުގައިވެސް ކާމިޔާބު މަސައްކަތްތަކެއް ކޮމިޓީން ކޮށްފައިވާކަން ފާހަގަކުރައްވާ، ކޮމިޓީގެ މެންބަރުންނަށް އެކަމަނާ ޝުކުރު އަދާކުރެއްވިއެވެ. ހާއްސަ ގޮތެއްގައި އަންހެނުންނަށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ހިންގަވާފައިވާ ހޭލުންތެރިކުރުވުމުގެ ޕުރޮގުރާމުތަކާއި، ރާއްޖޭގެ ހުރިހާ އަތޮޅުތައް ހިމެނޭހެން ހިންގަވާފައިވާ ރީޖަނަލް ސީރީސް ފޯރަމްތަކާއި، ކުށުގެ މާހައުލަށް ހޭލުންތެރިކުރުވުމުގެ މައުލޫމާތު ހިއްސާކުރެއްވުންފަދަ ކަންކަން ހިންގަވާފައިވާކަން ފާހަގަކުރެއްވިއެވެ.
މޯލްޑިވްސް ވިމެން އިން ޕޮލިސިންގ 3 ވަނަ ދައުރުގެ ކޮމިޓީ އިފްތިތާހްކުރުމުގެ ރަސްމިއްޔާތުގައި ސާޖިދާވަނީ މޯލްޑިވްސް ވިމެން އިން ޕޮލިސިން ކޮމިޓީގެ ލޯގޯ އިފްތިތާހްކޮށްދެއްވާފައެވެ. ހަމަމިއާއެކު، މޯލްޑިވްސް ވިމެން އިން ޕޮލިސިން ލޯގޯގެ ރަމްޒީ ހަނދާނީ ޓޯކަން، ސާޖިދާއަށް ވެދުމަށް އެރުވުންވެސް ރޭގެ ރަސްމިއްޔާތުގައި އޮތެވެ. މީގެ އިތުރުން، ސާޖިދާ ވަނީ، މޯލްޑިވްސް ވިމެން އިން ޕޮލިސިން، 3 ވަނަ ދައުރުގެ ކޮމިޓީ މެންބަރުންނަށް ހަނދާނީ ފިލާ ހަވާލުކޮށް ދެއްވާފައެވެ.
