ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ މިނިސްޓަރުންގެ މަޖިލީހުގެ އޮނިގަނޑަށް ގެންނެވި ބަދަލުތަކާ ގުޅިގެން، މަގާމުގެ ހުވާކުރެއްވި 14 މިނިސްޓަރަކަށް ރުހުންދޭން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ނިންމައިފިއެވެ.
މިމަހުގެ 14 އަދި 15 ވަނަ ދުވަހު، ސަރުކާރު ހިންގުމުގެ އޮނިގަނޑަށް ގެންނެވި ބަދަލާއެކު، ކުރިން 20 މިނިސްޓްރީގެ މައްޗަށް އެކުލެވިގެންވީ ކެބިނެޓް ވަނީ 15 މިނިސްޓްރީއަށް ކުޑަކުރައްވާފައެވެ. މި އިސްލާހީ ފިޔަވަޅުގެ ދަށުން 10 މިނިސްޓަރަކު މަގާމުން އިސްތިއުފާ ދެއްވިއިރު، ރައީސުލްޖުމްހޫރިއްޔާ ވަނީ އަލަށް 5 މިނިސްޓަރަކު އައްޔަންކުރައްވާފައެވެ. އަދި މިނިސްޓްރީތަކުގެ ނަމަށާއި މަސްއޫލިއްޔަތުތަކަށް އައި ބަދަލުތަކާ ގުޅިގެން، ކުރިންވެސް ކެބިނެޓުގައި ހިމެނިވަޑައިގެންނެވި 9 މިނިސްޓަރަކު ވަނީ އަލުން ހުވާކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު މި މިނިސްޓަރުންނަށް ރުހުން ހޯއްދެވުމަށް މަޖިލީހަށް ހުށަހެޅުއްވީ މި މަހުގެ 20 ވަނަ ދުވަހުއެވެ. ގާނޫނުއަސާސީ ބުނާގޮތުން ކެބިނެޓަށް އައްޔަންކުރާ މިނިސްޓަރުންނަށް ފުރިހަމަ ގާނޫނީ ހައިސިއްޔަތު ލިބިވަޑައިގަންނަވާނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެންނެވެ.
މި މައްސަލަ ދިރާސާކުރުމަށްފަހު ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ނިންމީ، ވަކިވަކި މައްސަލަތަކެއްގެ ގޮތުގައި ހުށަހެޅިފައިވީ ނަމަވެސް، 14 މިނިސްޓަރުންގެ މައްސަލަ އެއްކޮށް ކުރިއަށް ގެންދިއުމަށެވެ. އަދި ހުރިހާ މިނިސްޓަރުންނަށް އެކުގައި ވޯޓަށް އަހައި، ރުހުންދޭން ފެންނަ ކަމަށް ކޮމިޓީގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.
ރުހުން ދިނުމަށް ކޮމިޓީން ފާސްކުރި މިނިސްޓަރުންގެ ތެރޭގައި ހިމެނެނީ:
- ދިފާއީ އަދި ވަތަނީ ހިދުމަތާ ބެހޭ މިނިސްޓަރު ހަސަން ރަޝީދު
- މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ މިނިސްޓަރު މޫސާ ޒަމީރު
- ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ މިނިސްޓަރު އަލީ އިހްސާން
- ހާރިޖީ މިނިސްޓަރު އިރުތިޝާމް އާދަމް
- ތައުލީމާއި މަތީ ތައުލީމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު
- ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ މިނިސްޓަރު ގީލާ އަލީ
- އިގުތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ މިނިސްޓަރު މުހައްމަދު ސައީދު
- މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ މިނިސްޓަރު އަހްމަދު ޝިޔާމް
- އިސްލާމީކަންތައްތަކާއި އައުގާފާ ބެހޭ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
- ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ މިނިސްޓަރު މުހައްމަދު އަމީން
- ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ މިނިސްޓަރު އަބްދުﷲ ރާފިއު
- ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓަރު ހީނާ ވަލީދު
- ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ މިނިސްޓަރު އަބްދުﷲ މުއްތޮލިބް
- މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ މިނިސްޓަރު އަލީ ޝަރީފް
ކޮމިޓީގެ މި ނިންމުން ދެން ފޮނުވޭނީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށެވެ. މިއާއެކު މަޖިލީހުގެ ކުރިއަށް އޮތް ޖަލްސާއެއްގައި، މި މިނިސްޓަރުންނަށް ރުހުން ދިނުމާ މެދު މުޅި މަޖިލީހުން ގޮތެއް ނިންމާނެއެވެ.
