އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އިންޑިއާއަކީ "މުޑުދާރު" ތަނެއް ކަމަށް ސިފަކޮށްފައިވާ ވީޑިއޯއެއް މީސްމީޑިއާގައި ހިއްސާ ކުރެއްވުމާ ގުޅިގެން، އިންޑިއާ ސަރުކާރުން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. އިންޑިއާގެ ހާރިޖީ ވުޒާރާއިން ބުނެފައިވަނީ އެއީ އެއްވެސް މައުލޫމާތެއް ނެތި، އެކަށީގެންނުވާ ދަށް ފެންވަރުގައި ދައްކާފައިވާ ވާހަކަތަކެއް ކަމަށެވެ.

ޓްރަމްޕްގެ އަމިއްލަ މީސްމީޑިއާ ކަމަށްވާ "ޓްރުތު ސޯޝަލް" ގައި ބުރާސްފަތި ދުވަހު ހިއްސާކުރައްވާފައި ވަނީ އެމެރިކާގެ ކަނާތުފިޔައިގެ ރޭޑިއޯ ހޯސްޓެއް ކަމަށްވާ މައިކަލް ސެވޭޖް ދައްކާފައިވާ ވާހަކަތަކެއްގެ ވީޑިއޯއަކާއި އޭގެ ޓްރާންސްކްރިޕްޓެކެވެ. މި ވީޑިއޯގައި ސެވޭޖް ވަނީ އެމެރިކާއަށް އުފަންވާ ކޮންމެ ކުއްޖަކަށް ރައްޔިތުކަން ލިބޭ ގާނޫނަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

އެގޮތުން ސެވޭޖް ބުނެފައިވަނީ، އެމެރިކާއަށް އުފަންވާ ކުއްޖާއަށް ވަގުތުން ރައްޔިތުކަން ލިބޭ ކަމަށާއި، އޭގެ ފަހުން އެ ކުއްޖާގެ މުޅި އާއިލާ ޗައިނާ ނުވަތަ އިންޑިއާ ނުވަތަ ދުނިޔޭގައިވާ އެހެންވެސް "ދަށުދަރަޖައިގެ" ތަނަކުން އެމެރިކާއަށް ގެންނަ ކަމަށެވެ. މީގެ އިތުރުން، އިންޑިއާ އަދި ޗައިނާއިން އެމެރިކާއަށް ހިޖުރަކުރާ މީހުންނަކީ "ލެޕްޓޮޕް ހިފައިގެން އުޅޭ ގޭންގުސްޓަރުން" ކަމަށްވެސް އޭނާ ސިފަކޮށްފައި ވެއެވެ. ޓްރަމްޕް މި ވީޑިއޯ ހިއްސާކުރައްވާފައި ވަނީ އޭނާގެ އަމިއްލަ އެއްވެސް ބަސްފުޅެއް ނުހިމަނައެވެ.

މި މައްސަލައާ ގުޅިގެން އިންޑިއާގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އެމެރިކާގެ ރައީސް ހިއްސާކުރެއްވި ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.

ޖައިސްވާލް ވިދާޅުވި ގޮތުގައި އެ ވާހަކަތަކަކީ އިންޑިއާ އާއި އެމެރިކާއާ ދެމެދު އޮތް ގުޅުމުގެ ހަގީގަތް ދައްކުވައިދޭ ވާހަކަތަކެއް ނޫނެވެ. އަދި ދެ ގައުމުގެ ގުޅުމަކީ ޒަމާނުއްސުރެ އެއްބަޔަކު އަނެއް ބަޔަކަށް އިހުތިރާމު ކުރުމާއި، ގުޅިފައިވާ މަސްލަހަތުތަކެއްގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިކަމާ ގުޅޭގޮތުން ނޫސްވެރިއަކު ސުވާލުކުރުމުން ޖައިސްވާލް ވަނީ ސީދާ ޖަވާބެއް ދެއްވުމަށް ދެކޮޅުހައްދަވާފައެވެ. އެވަގުތު އޭނާ ވިދާޅުވީ އެފަދަ ރިޕޯޓުތަކެއް ފެނިވަޑައިގެންފައިވާ ކަމަށާއި، އެކަމާ ގުޅޭގޮތުން އިތުރު އެއްޗެއް ވިދާޅުވާން ބޭނުންފުޅުނުވާ ކަމަށެވެ. ނަމަވެސް ފަހުން ރަސްމީ ބަޔާނެއް ނެރުއްވީ މައްސަލަ ހޫނުވުމާ ގުޅިގެންނެވެ.

މި މައްސަލައިގައި އިންޑިއާގެ ރައްޔިތުންގެ މެދުގައި ނުރުހުން އުފެދުމާ ގުޅިގެން، ނިއުދިއްލީގައި ހުންނަ އެމެރިކާގެ އެމްބަސީން ވަނީ ހާލަތު ފިނިކުރުމަށް މަސައްކަތް ކޮށްފައެވެ. އެމްބަސީން ނެރުނު ކުރު ބަޔާނެއްގައި ބުނެފައިވަނީ، އިންޑިއާއަކީ ވަރަށް މަތިވެރި ގައުމެއް ކަމަށާއި، އެ ގައުމުގެ އެންމެ އިސް ސަފުގައި ހުންނެވީ އެމެރިކާގެ ރައީސްގެ ވަރަށް ގާތް އެކުވެރިއެއް ކަމަށް ރައީސް ޓްރަމްޕް ވިދާޅުވެފައިވާ ކަމަށެވެ. މިއީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ނިސްބަތްކޮށް ޓްރަމްޕް ވިދާޅުވެފައިވާ ބަސްފުޅެކެވެ.

އިންޑިއާގެ އިދިކޮޅު މައި ޕާޓީ، ކޮންގްރެސް އިން ވަނީ މިކަމާ ގުޅިގެން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. ކޮންގްރެސް ޕާޓީން ބުނީ މިއީ އިންޑިއާގެ އެންމެހައި ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ހިތާމައެއް އަދި އިހާނެތިކަމެއް ކަމަށެވެ. އަދި ބޮޑުވަޒީރު މޯދީ މި މައްސަލަ އެމެރިކާގެ ރައީސްއާ ބައްދަލުކުރައްވައި ހަރުކަށި އިބާރާތުން ނުރުހުން ފާޅުކުރައްވަން ޖެހޭނެ ކަމަށްވެސް އެ ޕާޓީން ގޮވާލާފައިވެއެވެ.

ތްރިނަމޫލް ކޮންގްރެސް (ޓީއެމްސީ) ގެ މަޖިލިސް މެމްބަރު މަހުއާ މޮއިތުރާ ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބޮޑުވަޒީރު މޯދީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ މޯދީގެ އެކުވެރި ޓްރަމްޕް އިންޑިއާއަށް ނިސްބަތްކޮށް ހުތުރު ބަހުން މުހާތަބު ކުރެއްވިއިރު، އެކަމާ ދެކޮޅަށް އަޑުއުފުއްލަވާނެތޯ ނުވަތަ ހަނުހުންނަވާނީތޯ ސުވާލުކުރައްވާފައެވެ.

އެމެރިކާގައި ދިރިއުޅޭ އިންޑިއާ ދަރިކޮޅުގެ މީހުންގެ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުންވެސް ވަނީ މިކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ. ކަނާތުފިޔައިގެ ފިކުރަށް ތާއީދުކުރާ "ހިންދޫ އެމެރިކަން ފައުންޑޭޝަން" އިން ބުނެފައިވަނީ، އެމެރިކާގެ ރައީސްގެ މަގާމުގައި ހުންނަވައިގެން މިފަދަ ނަސްލީ ތަފާތުކުރުން އެކުލެވޭ ވާހަކަތަކަށް ހިތްވަރުދެއްވުމަކީ މުޖުތަމައުގައި ނަފްރަތު އުފެދި، އިންޑިއާ އަދި ޗައިނާ ދަރިކޮޅުގެ މީހުންގެ ފުރާނައަށް ނުރައްކާވެދާނެ ކަމެއް ކަމަށެވެ.

އެމެރިކާގެ ތަފާސްހިސާބުތައް ދައްކާގޮތުން، އެ ގައުމުގައި އިންޑިއާ ދަރިކޮޅުގެ 5.5 މިލިއަނަށްވުރެ ގިނަ މީހުން ދިރިއުޅެއެވެ. މިއީ އެމެރިކާގައި ދިރިއުޅޭ އޭޝިއާ ދަރިކޮޅުގެ މީހުންގެ ތެރެއިން އެންމެ ބޮޑު އެއް އާބާދީއެވެ.

މި މައްސަލައިގައި އެންމެ ހައިރާންކުރުވަނިވި ރައްދެއް އައިސްފައިވަނީ އީރާނުގެ ފަރާތުންނެވެ. އިންޑިއާގެ ހައިދަރުއާބާދުގައި ހުންނަ އީރާނުގެ ކޮންސިއުލޭޓުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އިންޑިއާ އާއި ޗައިނާއަކީ ތަހުޒީބުގެ ގައުމުތަކެއް ކަމަށެވެ. އަދި ހަގީގީ "މުޑުދާރަކީ" އީރާނުގެ ތަހުޒީބު ނައްތާލާނެ ކަމަށް އިންޒާރުދޭ އެމެރިކާ ކަމަށެވެ.

މިއީ ޓްރަމްޕް މިފަދަ ހުތުރު ބަހުރުވައިން އެހެން ގައުމުތަކަށް ނިސްބަތްކޮށް ވާހަކަދެއްކެވި ފުރަތަމަ ފަހަރެއް ނޫނެވެ. 2018 ވަނަ އަހަރުވެސް އޭނާ ވަނީ އެފްރިކާގެ ބައެއް ގައުމުތަކަށާއި ހެއިޓީއަށް ނިސްބަތްކޮށް ވަރަށް ހުތުރު ބަހެއް ބޭނުން ކުރައްވާފައެވެ. ޓްރަމްޕްގެ މި އަމަލުތަކަކީ އެމެރިކާއަށް އުފަންވާ ކުދިންނަށް އޮޓަމެޓިކުން ރައްޔިތުކަން ލިބޭ ގާނޫނު ބަދަލުކުރުމަށް އޭނާ ކުރައްވަމުން ގެންދަވާ މަސައްކަތުގެ ބައެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.