އެމެރިކާއާއި އިޒްރޭލުން އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމަ ހުއްޓުވުމަށް ޕާކިސްތާންގައި ކުރާ މަޝްވަރާތަކަށް އެމެރިކާގެ މަންދޫބުން ވަޑައިގަތުން ޓްރަމްޕް ހުއްޓުވައިފިއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ، އެމެރިކާގެ މަންދޫބުން ކަމަށްވާ ޖެރެޑް ކުޝްނާ އަދި ސްޓީވް ވިޓްކޮފް ޕާކިސްތާނަށް ކުރައްވަން އޮތް ދަތުރު ކެންސަލް ކުރައްވާފައެވެ. މި ދަތުރަކީ އީރާނުގެ އޮފިޝަލުންނާއެކު ނުސީދާކޮށް މަޝްވަރާ ކުރުމަށް ރޭވިފައި އޮތް ދަތުރެކެވެ.
މިފަދަ ހާލަތްތަކުގައި "މެދުވެރިއެއް" ނުވަތަ މީޑިއޭޓަރެއްގެ ދައުރު އަދާކުރަނީ ދެ ފަރާތާވެސް ގުޅުން އޮންނަ ގައުމަކުންނެވެ. އެމެރިކާއާއި އީރާނާ ދެމެދު ސީދާ ޑިޕްލޮމެޓިކް ގުޅުމެއް ނެތުމުން، މި މައްސަލައިގައި މެދުވެރިއެއްގެ ދައުރު އަދާކުރަނީ ޕާކިސްތާނުންނެވެ.
ހަފްތާ ނިމުނު އިރު އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރަގްޗީ ވަނީ ޕާކިސްތާނަށް ވަައިގެން ބޮޑުވަޒީރު ޝަހްބާޒް ޝަރީފްގެ އިތުރުން އިސްވެރިންނާ ބައްދަލުކުރައްވައި، ހަނގުރާމަ ހުއްޓައިލުމާ ގުޅޭގޮތުން އީރާނުން ހުށަހަޅާ ޝަރުތުތައް ހިއްސާކުރެއްވުމަށްފަހު، އޮމާނަށް ފުރާވަޑައިގެންފައެވެ. އެމެރިކާގެ މަންދޫބުންގެ ދަތުރު ކެންސަލްކުރީ އޭގެ ފަހުންނެވެ.
ޓްރަމްޕް ވިދާޅުވި ގޮތުގައި މި ދަތުރު ކެންސަލް ކުރެއްވީ، އީރާނުގެ ލީޑަޝިޕްގެ ތެރޭގައި ބޮޑެތި މައްސަލަތަކެއް އުޅޭތީއާއި، އެއްވެސް ނަތީޖާއެއް ނުނިކުންނަ މަޝްވަރާތަކަކަށް 18 ގަޑިއިރުގެ ދަތުރެއް ކުރުމުގެ ބޭނުމެއް ނެތުމުންނެވެ. އަދި ހުރިހާ ބާރެއް އޮތީ އެމެރިކާގެ އަތުގައި ކަމަށްވެސް އެމެރިކާގެ ރައީސް ފާހަގަ ކުރެއްވިއެވެ. ނަމަވެސް، ދަތުރު ކެންސަލްކުރެއްވިތާ 10 މިނެޓުގެ ތެރޭގައި އީރާނުން ކުރިއަށްވުރެ ރަނގަޅު ހުށަހެޅުމެއް ފޮނުވި ކަމަށާއި، އެހެންނަމަވެސް އެއީ އަދި ފުދޭވަރުގެ ހުށަހެޅުމެއް ނޫންކަމަށް ޓްރަމްޕް ފަހުން ވިދާޅުވިއެވެ.
މި މަޝްވަރާތަކުގެ އަސްލަކީ 2026 ވަނަ އަހަރުގެ ފެބްރުއަރީ މަހު ފެށުނު ހަނގުރާމައެވެ. މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ތެލުގެ ވިޔަފާރިއަށް މުހިންމު ހުރުމޫޒް ކަނޑުއޮޅި ވަނީ ބަންދުވެފައެވެ. އެމެރިކާއިން ދަނީ ކަނޑުމަގުން އީރާން ބަންދުކޮށް، މެދުއިރުމަތީގައި 50،000 އަށްވުރެ ގިނަ ސިފައިން ރުކުރުވާލައިގެން އަސްކަރީ ބާރު ދައްކަމުންނެވެ.
